
އަސްކޮއި ގްރޫޕުން ވަނީ ރޯދަމަހު އުމްރާއަށް ގެންދާނެކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގާ އެމީހުން އުމްރާއަށް ތައްޔާރުވި ފަހުން ނުގެންދެވޭނެކަމަށް އަންގާފައެވެ.
އެއް އާއިލާއަކަށް ނިސްބަތްވާ ހަ މީހަކު ވަނީ އުމްރާއަށް ދާން އެ ގްރޫޕަށް މީހަކަށް 42،000 ރުފިޔާގެ ރޭޓުން ޖުމްލަ 252،000 ރުފިޔާވެސް ދައްކާފައެވެ. އެހެންނަމަވެސް އުމްރާއަށް ނުގެންދެވޭނެކަން އަންގާ މީހުންނަށް ވަނި ލަނޑު ދީފައެވެ. އަސްކޮއި ގްރޫޕުން މީގެ މައްސަލަތަކެއް މީގެ ކުރިންވެސް ފެންމަތިވިއެވެ. އެ ގްރޫޕުން ވަނީ މީހުން އަތުން ލާރި ނަގާ ތިން ފަހަރެއްގެ މަތިން މީހުންނަށް ލަނޑު ދީފައެވެ.
އެ މައްސަލަތައް ބަލާ އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިއުމަށް ބަޔަކު ފައިސާ ދައްކާފައި ވަނިކޮށް، އުމްރާއަށް ފުރަން ހަމަޖެހިފައިވާކަން އެންގުމަށްފަހު، މިވަގުތު ސައުދީ އަރަބިއްޔާއަށް ދަތުރުކުރުން ރައްކާތެރި ނޫންކަމަށާއި، ގަލްފުގެ ނުރައްކާތެރިކަން ރަނގަޅުވުމުން ދަތުރުކުރަން ކުންފުނިން ބޭނުންނުވާކަމަށް ބުނެ ދަތުރު ކެންސަލްކޮށްފައިވާކަމަށެވެ.
އަސްކޮއި ގްރޫޕަށް މިނިސްޓްރީން އަޅަން ނިންމި ފިޔަވަޅުތައް
- އުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
- ޖޫރިމަނާކުރުން
- އަސްކޮއި ޓްރެވަލް ސާވިސް ކުންފުންޏާއި، އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުން
- ޖުލައި 2025ގެ އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ މީހުންނަށް ރިފަންޑް ދޭން އެންގުން
- މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅަން ފުލުހަށް ހުށަހެޅުން
ފައިސާ ދައްކާފައިވާ މީހުން، އަސްކޮއި ގްރޫޕަށް ހުށަހަޅާފައިވާ އެ މީހުންގެ ޕާސްޕޯޓާއި، މުހިންމު ލިޔެކިޔުންތައް ހޯދުމަށްޓަކައި އެ ގްރޫޕްގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބުނުކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ކުންފުނީގެ އިސްވެރިޔާއާ ރަސްމީގޮތުން މިނިސްޓްރީންވެސް މުއާމަލާތު ކުރި ކަމަށާއި، ނަމަވެސް މިނިސްޓްރީއަށްވެސް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.