
މީރާގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާފަދަ، އިލެކްޓްރޯނިކް އިންވޮއިސިން ސިސްޓަމެއް ރާއްޖެއަށް ވެސް ތައާރަފު ކުރުމުން، ޓެކްސް ދައްކާ ފަރާތްތައް މީރާގެ ސިސްޓަމްތަކާ ގުޅުވާލެވި، ޓެކުހާ ގުޅޭ އިލްތިޒާމުތައް އަދާކުރުން އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ޓެކްނޮލޮޖީގެ އެހީގައި މީރާގެ މަސައްކަތްތައް ހަލުވިކޮށް ހަރުދަނާ ކުރުމަށާއި މީރާގެ ހިދުމަތްތައް ފަސޭހަކޮށްދިނުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑް މެޕެއް އެކުލަވާލައި، އޭގައިވާ ކަންކަން ހާސިލުކުރަން މަސައްކަތް ފެށިފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. މީގެއިތުރުން މީރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ޓެކްސް ކޮމްޕްލަޔަންސް އިތުރަށް ރަނގަޅު ކުރުމަކީ އަމާޒެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީރާއަކީ ޓެކްސް ދައްކާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ޒަރީރު ފާހަގަކުރައްވަމުން، މިހާރު މީރާއަށް ބަލައިގަންނަ ޓެކްސް ބަޔާންތަކުގެ 97 ޕަސަންޓު އަދި ފައިސާގެ 99 ޕަސަންޓު ލިބެނީ އޮންލައިންކޮށްކަން ފާހަގަކުރެއްވިއެވެ. ޓެކްސް ބަޔާން ހުށަހަޅާ ފައިސާ ދެއްކުމަކީ މީރާއަށް ގޮސް ކިއުގައި ޖެހިގެން ކުރާ ކަމެއްގެ ބަދަލުގައި ޓެކްސް ދައްކާ ފަރާތްތަކުގެ އޮފީހުގައި ނުވަތަ ގޭގައި ތިބެގެން ކުރެވޭ ކަމަކަށް މިހާރު ބަދަލުވެފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. މީރާއަކީ ދައުލަތުގެ އާމްދަނީގެ 82.5 ޕަސަންޓު ބަލައިގަންނަމުންދާ މުއައްސަސާއެވެ.