ads
މަސްމާރުކޭޓް ސަރަހައްދު
މަސްދޯނިތަކުން އެއްވެސް ފީއެއް ނުނަގާނަން: އެމްޕީއެލް
ނޯތު ހާބަރު ސަރަހައްދު މަސްމާރުކޭޓާއި ހަަމައަށް ބޮޑުކޮށް އެ ސަރަހައްދުގައި އަޅާ ދޯނިތަކުން ފީ ނަގަން ނިންމިނަމަވެސް މަސްދޯނިތަކުން އެއްވެސް ފީއެއް ނުނަގާނެކަމަށް އެމްޕީއެލުން ބުނެފިއެވެ.
Advertisement

މިހާތަނަށް ލޯކަލް މާރުކޭޓް ކުރިމަތިން ފަށިގެން މަސްމާރުކޭޓާއި ދޭތެރޭގައި އޮތް ސަރަހައްދު ބަލަހައްޓަމުން އައީ މާލޭ ސިޓީ ކައުންސިލުންނެވެ. އެހެންނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް އެމްޕީއެލްއާއި ހަވާލުކޮށްފައެވެ. 

އެމްޕީއެލުން ބުނީ އެ ސަރަހައްދުން ހިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަހަރު މާލޭ ނޯތު ހާބަރުގައި ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށެވެ. އަދި އެ ސަރަހައްދުން ހިދުމަތް ލިބޭނީ ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް އެކަނިކަމަށާއި އަންނަމަހުގެ 1 ވަނދުވަހުން ފެށިގެން އެ ސަރަހައްދު ބޭނުންކުރާ އުޅަނދުތަކުން ފީ ނަގާނެކަމަށެވެ. 

ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކުން ފީއެއްގެ ގޮތުގައި ނަގަނީ މާލޭ އެއްގަމުތޮށިން ބޯޓުގެ ފުޅާމިނަށް މީޓަރަކަށް 50 ލާރި ހުރަސްތޮށިން އަދި ބޭރުތޮށިން އުޅާނދުގެ ފުޅާމިނުގެ މީޓަރަކަށް 1 ރުފިޔާއެވެ.  މި އުސޫލުން މާރުކޭޓް ސަރަހައްދާއި ހަމައަށް އުޅަނދުތަކުން ފީ ނަގާނެކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ. 

އެހެންނަމަވެސް މަސްދޯނި ފަހަރުން ފީއެއް ނުނަގާނެކަމަށާއި ފީ ނަގާނީ މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރުން އެކަނި ކަމުގައި އެމްޕީއެލުން ބުނެއެވެ. 

ނޯތު ޕޯޓްގެ ސަރަހައްދަށް އިތުރު ކުރެވުނު ސަރަހައްދު ތަރުތީބުކޮށް، އިންތިޒާމް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށް އެމްޕީއެލުން ބުނެއެވެ. 

އެމްޕީއެލް ސީ.އީ.އޯ ޑީ.ސީ.ޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން ވިދާޅުވީ އެ ސަރަހައްދު ތަރުތީބުކުރެވުމުން، މަސް ދޯނި ފަހަރަށް އިތުރު ޖާގަ ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތްތައްވެސް މިހާރަށްވުރެ އަވަހަށް ކުރެވޭނެ މަގު ފަހިވެގެންދާނެކަމަށާއި އަދި އެކަމުގެ ސަބަބުން ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.   

" މީގެ އިތުރުން، މި ގެނެވޭ ބަދަލުތަކާއެކު މި ސަރަހައްދުގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބި، މި ސަރަހައްދު ބެލެހެއްޓުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރެވޭނެ. މި ބަދަލުގެ ސަބަބުން، މަސްވެރިންނާއި އޮޑިވެރިންނަށް މިހާރަށްވުރެ އަވަސް، ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން އަރުވަން. " އެމްޕީއެލްގެ ސީއީއޯ ޑީ.ސީ.ޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން ވިދާޅުވިއެވެ.

އެމްޕީއެލުން ބުނީ އެ ސަރަހައްދުން ހިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަހަރު މާލޭ ނޯތު ހާބަރުގައި ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށެވެ.  އަދި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަނދަރުގެ ހިދުމަތް ލިބޭނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށްކަމަށްވެސް އެމްޕީއެލުން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް