
ފުލުހުން ބުނި ގޮތުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު ތިންފުޅީ ބަނގުރާ އަދި މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނީ 66.92 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ހަތްމީހުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އަދި ހދ. ނޭކުރެންދޫ / ފްލާވަރހައުސް، ޢާއިޝަތު ފައިޚާ ޠާހާ (19އ) އާއި ނ. މަގޫދޫ / ސާމިޔާނާ، އަކްރަމް މުޙައްމަދު (28އ) ފަސްދުވަހަށް އަދި ސ. ހުޅުދޫ / ރޯޝަނީމާގެ، އަޙްމަދު ތައިސީރު (27އ) ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.