ads
ފަނޑިޔާރު ޖަމީލް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމަށްފަހު: ކުރިން ސިވިލް ކޯޓުގައި މަސައްކަތް ކުރެއްވި - ފޮޓޯ: ހައި ކޯޓު
ޖަމީލު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރައްވައިފި
ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ދެންމެ ކުރައްވައިފި އެވެ.
Advertisement

ޖަމީލަކީ ކުރިން ސިވިލް ކޯޓުގެ ފަނޑިޔާރެކެވެ. އަދި އެކި ކޯޓުތަކުގައި 15 އަހަރު ފަނޑިޔާރުކަން ކުރެއްވި އެވެ. ފެބްރުއަރީ، 2019، ގެ ފަހުން މަސައްކަތް ކުރައްވަނީ ވަކީލެއްގެ ގޮތުގަ އެވެ. ހާއްސަކޮށް އޭނާގެ ގާޒީކަމުގައި ސިވިލް ކޯޓުގައި ބޮޑެތި މައްސަލަތަކެއް ބެއްލެވި އެވެ. 

ހައިކޯޓުގެ ފަނޑިޔާރުކަމަށް އަބްދުﷲ ޖަމީލު އައްޔަންކުރައްވާފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ މެންބަރުންގެ އަގްލަބިއްޔަތުންނެވެ. އަދި މިއަދު ޖޭއެސްސީއިން ބޭއްވި ރަސްމިއްޔާތެއްގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކޮށް، ހުވާގެ އިގުރާރުގައި އޭނާ ވަނީ ސޮއިކޮށްފަ އެވެ. އަބްދުﷲ ޖަމީލަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ޖޭއެސްސީން ނިންމި ދެ ބޭފުޅުންގެ ތެރެއިން ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި، އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދުގެ ނަންވެސް މިރޭ ހުވާ ކުރާ ލިސްޓްގައި އޮތެވެ. ނަމަވެސް ހުސައިން ޝަހީދުގެ ނަން މިއަދު ވަނީ އޭނާ އަމިއްލަ އެދިގެން ނަގާފަ އެވެ.

ޖޭއެސްސީގެ ރައީސް ރިޒާ އަށް ފޮނުއްވި ސިޓީއެއްގައި ޝަހީދު ވިދާޅުވީ، އޭނާގެ އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދިވަޑައިގަތީ، އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.

"ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް މިއީ. އަޅުގަނޑު ސިޔާސީ މަގާމެއްގައި ހުއްޓަސް އެ މަގާމުން އިސްތިއުފާ ދީފައި މިކަމާ ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި،" ޝަހީދު ވިދާޅުވި އެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަބްދުﷲ ޖަމީލު މޫސާ އައްޔަންކުރައްވުމާއެކު އެ ކޯޓުގައި މިވަގުތު ތިއްބަވާ މެންބަރުންނަކީ، އެ ކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޒް މުހައްމަދު ފައިސަލްއާއި، އަލްއުސްތާޒް ދީބާނާޒް ފަހުމީއާއި، ފަނޑިޔާރު އަލްއުސްތާޒް މުހައްމަދު ނިޔާޒްއާއި، ފަނޑިޔާރު އަލްއުސްތާޒް ހުސައިން މަޒީދުއާއި، ފަނޑިޔާރު އަލްއުސްތާޒް ހަސަން ޝަފީއުއާއި، ފަނޑިޔާރު އަލްއުސްތާޒް ފާތިމަތު ފަރްހީޒާއާއި، ފަނޑިޔާރު އަލްއުސްތާޒް ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު އަލްއުސްތާޒް އަބްދުލްމާނިއު ހުސައިން އަދި އަލްއުސްތާޒް މުހައްމަދު ޝަނީޒް އަބްދުﷲއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް