
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު އަވަހާރަވީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. މިއީ އޭނާއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އެރުވި ދުވަހުގެ ޖެހިގެން އައި ދުވަހެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ސޯބިރުގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. "އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައި އެ މަރްހޫމުގެ އާއިލާއަށް ނުހަނު އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ހަސަން ސޯބިރު ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހާއި 15 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން ކުރައްވާފައެވެ. އަދި ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ސޯބިރަކީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ.