
މި އަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 1.3 މިލިއަނަށް އަރާފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ޗައިނާ އެންމެ ކުރީގައި އޮތްއިރު، މި އަހަރު 192,370 ޗައިނާ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިން ކަމަށްވާއިރު، އެ ގައުމުން 154,335 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެއެވެ. އިނގިރޭސިވިލާތުން 121,992 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، އިޓަލީއިން 93,469 އަދި ޖަރުމަނުން 91,930 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މީގެއިތުރުން އިންޑިއާއިން 75,902 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖޭގައި މިހާރު ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދިނުމަށް 175 ރިސޯޓާއި 888 ގެސްޓްހައުސް ހިންގަމުންދާއިރު، 159 ސަފާރީ އުޅަނދާއި 16 ހޮޓާ ޓޫރިސްޓް އެކޮމޮޑޭޝަންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވެއެވެ. މި ތަންތަނުގައި ޖުމުލަ 64,147 އެނދު ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވެއެވެ. އެންމެ ގިނަ ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށްވާއިރު، 957,154 ޓޫރިސްޓުން ރިސޯޓުތަކުގައި ތިބިއިރު، 288,210 ޓޫރިސްޓުން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.