ads
ވެލިދޫގެ ކައުންސިލް މެންބަރުންނާ ރައީސް ބައްދަލުކުރައްވަނީ - ފޮޓޯ/ ރައީސް އޮފީސް
މާލީ ގޮތުން މިހާރު ކައުންސިލްތަކަށް ދީފައިވާ ބައެއް ބާރުތައް ހަނިވާތީ ނުރުހުން
ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު އާ ބައެއް ކަންކަން ސަރުކާރުގެ ހުއްދަ ނެތި ނުކުރެވޭ ގޮތް ހެދުމަށާއި މާލީ ގޮތުން މިހާރު ދީފައިވާ ބައެއް ބާރުތައް އަތުލާ ގޮތަށް ގާނޫނަށް އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމުން އެ ބިލް ބަލައިނުގަނެ އެ ބިލު އަނބުރާ ގެންދިޔުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން އަދި ބައެއް ކައުންސިލްތަކުގެ ވެރިން ގޮވާލައިފި އެވެ.
Advertisement

ސަރުކާރުގެ ފަރާތުން ގާނޫނަށް މި އިސްލާހުތައް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން އެވެ.

މި އިސްލާހުގައި ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ ނުކުރެވޭނެ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ.

އެ ގޮތުން ކައުންސިލްގެ އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި ކައުންސިލްގެ އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުުން ހިމެނެ އެވެ.

ކައުންސިލުން ވިޔަފާރިއެއް ކުރަން ބޭނުންވެއްޖެ ނަމަ، އެއީ ރަށުގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވިޔަފާރިއަކަށްވާންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކައުންސިލުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާން ވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. 

ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅިގެން އެމްޑީޕީން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށް، ބަޔާނެއް ވެސް މިއަދު ނެރެފަ އެވެ. އެ ބަޔާނުގައި ވަނީ އެ ބަދަލުތަކާ ދެކޮޅަށް ތެދުވުމަށް ކައުންސިލަރުންނާއި ރައްޔިތުންނަށް ގޮވާލައިފަ އެވެ.

ވަކިން ހާއްސަކޮށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކުރިން ރާއްޖޭގެ ކައުންސިލްތައް "ނެތިކޮށްލުމަށް" ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ޕީއެންސީގެ ސަރުކާރުން އުޅެނީ ކަމަށް ތުހުމަތުކުރި އެވެ. އެކަން ކުށްވެރިކޮށް އެމްޑީޕީން ބުނީ އެއީ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ހިންގާ އަމަލެއް ކަމަށެވެ.

އެ ބިލުގައިވާ ކަންކަމަށް ނުރުހުން ފާޅުކުރައްވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެހި ގާނޫނު އަސާސީން ރައްޔިތުންގެ ތަރައްގީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއް ބަދަލަކީ ލާމަރުކަޒީ ނިޒާމު ގާއިމުވުން ކަމަށެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން އެ ބާރުތަކާއި ވަސީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސް، 2019 ވަނަ އަހަރު އެ މަނިކުފާނުގެ ވެރިކަމުގައި ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ހުށަހެޅިކަން ސޯލިހު ފާހަގަކުރެއްވި އެވެ.

އެ އިސްލާހުތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާ ވެސް އެކު ފާސްކޮށް އަމަލުކުރަމުން އައި އިސްލާހުތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ އިސްލާހުތަކުގެ ނަތީޖާއެއްގެ ގޮތުން، ކޮންމެ ރަށެއްގެ އިހުތިސާސް ކަނޑައެޅި، ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބި، ކައުންސިލްތަކަށް ވަކި އުސޫލެއްގެ ތެރެއިން ވިޔަފާރި ކުރެވޭނެ ހުއްދަތައް ދިނުމުގެ ހެޔޮ ނަތީޖާ ފެންނާން ފަށައިފައިވާ ކަމަށް ސޯލހު ވިދާޅުވި އެވެ.

"ދެހާސް ނަވާރަ ވަނަ އަހަރު ގެނެވުނު އިސްލާހުތަކުގެ ހެޔޮ ބަދަލުތައް ފެންނާން ފަށާފައިވާ މި ޅަފަތުގެ ވަގުތު އަނެއްކާވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް. މިކަމާ މެދު އަލުން ވިސްނަވައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށް ގޮވާލަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެ އިސްލާހުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ލާމަރުކަޒީ ގާނޫނު ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަނެ، ރަށްރަށުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު މައި ސަރުކާރަށް ނެގުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި، އާމްދަނީ ހޯދާނެ ގޮތް ކަނޑައަޅަން ޖެހޭނީ މައި ސަރުކާރުން ނޫން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް ސަރުކާރަށް ބަރޯސާނުވެ ކަންކަން ނިންމުމުގެ މާލީ މިނިވަންކަން ކައުންސިލްތަކަށް އޮންނަން ޖެހޭނެ ކަމަށާއި، މިހާރު އޮތް ބިލުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް، މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވަނީ ރައްޔިތުންގެ ބާރުވެރިކަން މައި ސަރުކާރަށް ނެގުމަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް ތެދުވެ ވަކާލާތު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބެވި އެންމެހާ ކައުންސިލަރުންނަށް ގޮވައިލައްވައިފައެވެ.

ލާމަރުކަޒީ ނިޒާމުގެ މުޅި ބޭނުމަކީ ޑިމޮކްރެޓިކް އުސޫލުން ރަށްރަށާއި އަތޮޅުތަކާއި ސިޓީތައް ހިންގުންކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އަލުން އަނބުރާ 'ގަބުޅި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ބޯދާ ޒަމާން' ދެން އިއާދައެއް ނުކުރެވޭނެ ކަމަށެވެ.

އެ ބިލާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރައްވައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ މަޝްވަރާ ލިބިވަޑައިގެން ހުށަހެޅުއްވި އެ އިސްލާހުތަކަކީ އަތޮޅުތެރޭގެ ރައްޔިތުން އަޅުވެތިކޮށް، ސަރުކާރަށް އާދޭސް ދެެންނެވޭ ގޮތަށް ގާނޫނު އިސްލާހުކުރުން ކަމަށެވެ.

އަދި އެ ނިޔަތް ވަރަށް ސާފު ކަމަށާއި، ރައީސް މުއިއްޒަކީ އަތޮޅުތަކުގެ ތަރައްގީއާ ދެކޮޅު، މާލެ ތޮއްޖެއްސުމުގެ ސިޔާސަތަށް ތާއިދު ކުރައްވާ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅެއް ކަމަށް ވިދާޅުވި އެވެ. އަދި ވެރިކަމަށް ދެ އަހަރުވީއިރު މި ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ޑޮލަރެއްގެ މިންވަރު ހޭދަނުކުރާ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

އެ ބިލާ ދެކޮޅަށް ވީހާ ވެސް ގިނަ ކައުންސިލްތަކުން ތެދުވުމަށް ގޮވާލައްވާ މާލޭ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބާއި ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކަށް ގިނަ ބަޔަކު ނަގަން ސަރުކާރުން ލިސްޓު ހަދައިގެން މަސައްކަތް ކުރަމުންދާކަމުގެ ހަބަރު ލިބެމުންދާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް މި ސަރުކާރުން ގިނަ ބަޔަކަށް ވަޒީފާ ދިނެވެ.

ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓުވާފައި ބޭއްވުމަށް ފަހު ކައުންސިލް އިންތިހާބާ ދިމާކޮށް ރަށްރަށުގައި ސަރުކާރުން މިހާރު ދަނީ ކަޑަ ޖަހަމުންނެވެ.

"މިއީ [ބިލަކީ] އިހުލާސްތެރި ނިޔަތެއްގައި ގެންނަ އިސްލާހެއްނަމަ، ސަރުކާރަށް ކެރޭނެތޯ އެއްވެސް އިންތިހާބަކާ 365 ދުވަހަށް ކައިރިވުމާއެކު އިތުރަށް އެއްވެސް ޕްރޮޖެކްޓެއް ނުހިންގައި ހުއްޓާލަން. ނޫނީ ވަޒީފާއަކަށް މީހުން ނުނަގައި ތިބެން،" އާޒިމް ވިދާޅުވި އެވެ.

މި ބިލާއި ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އެމްޑީޕީން ވުޖޫދުކުރީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ނަމުގައި މައި ސަރުކާރުތަކުން ޒަމާނުއްސުރެ ރައްޔިތުން އަޅުވެތިކުރަމުން އައި އައުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި ރައްޔިތުންގެ މާލީ ފުދުންތެރިކަމާއި, ހިދުމަތްތަކާއި، ވަސީލަތްތައް މަރުކަޒުކޮށް, ރައްޔިތުންގެ މައްޗަށް ނުޙައްގު ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު ގައުމުގެ ވެރިންނަށް ލިބުނަ ނުދިނުމުގެ ގޮތުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެހެންނަމަވެސް, ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލްތަކުގެ މާލީ ތަނަވަސްކަމާއި ވަސީލަތްތައް އަލުން މަރުކަޒުކޮށް, ރައްޔިތުން އަޅުވެތިކުރުމަށް ފަރުމާކޮށްފައި އޮތް އިސްލާހެއްގެ ގޮތުގައި ޝާހިދު ވިދާޅުވި އެވެ. އަދި އެ އިސްލާހުގެ ސަބަބުން ފާއިތުވެދިޔަ މުއްދަތުގައި ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ގެއްލި, ލާމަރުކަޒީ ނިޒާމު "ބޮޑުތަނުން ފަހަތަށް ސޮއްސާލާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން އުޅޭ އިސްލާހުތަކާ ދެކޮޅަށް ތެދުވަން ވ. އަތޮޅު ކައުންސިލުގެ ރައީސް ސުޖާއު އަލީ ވެސް ވަނީ ގޮވައިލައިފަ އެވެ. އޭނާ ވިދާޅުވީ އެ އިސްލާހުތަކުގެ ބޭނުމަކީ ވަޒީރު ފައިބުޑަށް ކައުންސިލުތައް ގެންދިޔުން ކަމަށެވެ.

"ލާމަރުކަޒީ ނިޒާމަށް [ރައީސް މުހައްމަދު] މުއިއްޒުގެ ސަރުކާރުން ހުށަހަޅާ އިސްލާހުތަކުން ނިޒާމު ހަރުދަނާވުމަށްވުރެ ނިޒާމު ބަލިކަށިވެ، ކައުންސިލުތަކުގެ ބާރުވެރިކަން ހުއްޓުވާނެ. މަގުސަދަކީ މާލީ މިނިވަންކަން އަނބުރާ މައި ސަރުކާރަށް ނަގައި، އަތޮޅުތަކުން ވަޒީރު ފައިބުޑަށް ސަލާންޖަހަން ދާން މަޖުބޫރުވާ ނިޒާމެއް އުފެއްދުން،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީންގެ ވިސްނުން މި ބިލާއި ދެކޮޅު ނަމަވެސް ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުން ބުނަމުން އަންނަނީ މި ބިލް ފުރިހަމަ ކަމަށާއި މީ ވަރަށް ވެސް އަވަހަށް އިސްލާހުކޮށް ނިންމަން ޖެހޭ އިސްލާހެއް ކަމަށެވެ.

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ޝުޖާއު ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް އެނގިވަޑައިގަންނަވާ ފަދައިން މާ ކުރިން ވެސް ޖަހާފައި އޮތް ހިސާބާ އެއްގޮތަށް ކައުންސިލް އިންތިހާބު ބޮޑުކޮށް ނަގާނީ ޕީއެންސީން ކަމަށެވެ.

"ޕީއެންސީން ﷲ ގެ ހެޔޮ ރަހްމަތުން ދިވެހިރާއްޖޭގެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުކޮށް ނަގާނަން އަޅުގަނޑުމެން. ކާމިޔާބު ކުރާނަން އިއްޒަތްތެރި ރައީސް. މިއީ އަޅުގަނޑުމެން ހިސާބު ޖަހާފައި އޮތް ކަމެއް. އިއްޒަތްތެރި ރައީސަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މަނިކުފާނުގެ ހިސާބު ބަރާބަރަށް ދިމާވާނެ،" އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ޕާޓީ، ޕީއެންސީން ކައުންސިލް އިންތިހާބު ކާމިޔާބުކުރާނެތީ އެކަމާ ކަންބޮޑުވެ އަދި ބިރުން އެއްވެސް ބަޔަކު ނޫޅުމަށް އެދޭ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބު އަޅުގަނޑުމެންގެ ޕާޓީން، ޕީއެންސީން ރައީސް މުއިއްޒުގެ ޕާޓީން ކާމިޔާބުކުރާނެ އިއްޒަތްތެރި ރައީސް. މިކަމާ އެއްގޮތަކަށް ވެސް ބިރުން އުޅުއްވާނެ ކަމެއް ނެތް. ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް،" އޭނާ އިތުރަށް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމު އުފަން ކުރި ޕާޓީ ކަމަށް ވަކާލާތުކުރާއިރު ލާމަރުކަޒީގެ ނިޒާމުގެ ބާރުކަނޑުވާލީ ވެސް އެ ޕާޓީން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މި ބިލަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ މަޖިލީހުގެ ފްލޯގައި މެންބަރުން ބަހުސްކުރައްވާއިރުގައި ބަހުސްކުރާ ބިލްތަކުގަ އާއި ގާނޫނޫތަކަށް ގެންނަ އިސްލާހަކީ ގައުމަށް ފައިދާ ހުރި ގައުމަށް ލާބައާއި މަންފާހުރި އިސްލާހުތަކެއްތޯ ބަލާލަންޖެހޭ ކަމަށެވެ. ސިޔާސީ ނަޒަރަކަށްވުރެ ބޮޑަށް އެ އިސްލާހަކުން ރައްޔިތުންނަށް ފައިދާއެއް ކުރޭތޯ ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިހާރު ހުށަހަޅާފައިވާ އިސްލާހުގައި މައިގަނޑު ބުނަނީ ލޯކަލް ކައުންސިލްތައް އެ ކައުންސިލްތަކުގެ ދައުރު މިސާލަކަށް ފަސް އަހަރު ދައުރެއް ކަމަށް ވާނަމަ ހަތަރު އަހަރު މަސައްކަތް ކޮށްފައި. މިހާރު އޮތް ހިސާބުގެ ތެރެއިން މަސައްކަތްކޮށްފައި. އެއް އަހަރު ދުވަހަށްވުރެ ކުޑަވީމަ އެ އެއް އަހަރު ދުވަސް ތެރޭގައި ކައުންސިލްގެ ބޮޑެތި ކަންތައްތައް ނިންމާ ނިންމުން އެއީ ރަނގަޅުކަމެއް ނޫން. އެގޮތަށް އެކަން ނުކުރުމަށް ބިލްގައި ބާރު އަޅަނީ." ފަލާހް ވިދާޅުވި އެވެ.

އެގޮތުން ފަހާލް މިސާލު ޖެއްސެވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި ރިޔާސީ އިންތިހާބާ ދިމާކޮށް އޭރުގެ ރައީސް އެޅުވި ބައެއް ފިޔަވަޅުތައް ފާހަގަކޮށްލެއްވިއެވެ.

ހުޅުމާލެއަކީ ދައުލަތުގެ ފައިސާއިން ވަރަށް ބޮޑު ހަރަދެއްކޮށްގެން ހިއްކާފައި އޮތް ބިމަކަށް ވާއިރު ރައީސްއަށް ލިބިދޭ ބާރުގެ ތެރެއިން ރިޔާސީ އިންތިހާބަށް ވޯޓު ހޯދުމުގެ ނިޔަތުގައި ދައުލަތަށް 11 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭ ވަރުގެ ބިންތަކެއް މިދިޔަ ސަރުކާރުން ބަހާފައިވާ ކަމަށް ވިދާޅުވި އެވެ.

މިހާރު ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައިވާ މި ބިލުގައި ހުރި ކަންކަމަށް އަމަލު ކުރުން އޮތީ ބިލު ފާސްވެ ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ. އަދި މި އިސްލާހާ ގުޅިގެން ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް އަމަލު ކުރަން ފަށާތާ 30 ދުވަސް ތެރޭ އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

މި ސަރުކާރުން މީގެ ކުރިން ވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވާއިރު އޭގެ ތެރޭގައި ކައުންސިލެއްގެ ދައުރުގައި ބާކީ އޮތީ 18 މަސް ނުވަތަ 548 ދުވަހަށް ވުރެ ކުރު މުއްދަތެއް ނަމަ, ކައުންސިލްތަކުގެ ބައި-އިލެކްޝަން ނުބާއްވާ ގޮތަށް ބަދަލު ގެނައުން ހިމެނެ އެވެ.

އެމްޑީޕީން އަންނަނީ އެ ބަދަލުތަކަށް ފާޑުކިޔައި، އޭގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް މަރުކަޒުވެ، ކައުންސިލްތަކުގެ ބާރު ގެއްލޭ ކަމަށް ތުހުމަތުކުރަމުންނެވެ.

ސަރުކާރު ހިންގަން ތިބި މީހުންނާއި ސަރުކާރުން ބޭރުގައި ތިބި އިދިކޮޅު ސިޔާސީންގެ ވިސްނުން ލާމަރުކާޒީ ނިޒާމު އިސްލާހު ކުރުމާއި މެދު އެއްގަލަކަށް ނޭޅިގެން އުޅޭއިރު އެދޭ ރާއްޖެ ހަރަކާތުން މިފަހުން ވަނީ "ފަރަގު ކުޑަކުރަން، ދައުލަތުގެ މާލީ އަދި ގުދުރަތީ ވަސީލަތްތައް ލާމަރުކަޒު ކުރުން" މި ނަމުގައި މުހިންމު ލިޔުމެއް ޝާއިރުކޮށްފަ އެވެ. އެ ލިޔުމުގައި އެދޭ ރާއްޖެ ތީމުް ގޮވާލައިފާ ވަނީ އަތޮޅު ހިންގުމަކީ ގާނޫނު އަސާސީން ބާރު ލިބިގެން ގައުމީ ތަސައްވަރު ހާސިލުވާ ދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅު ތަރައްގީކޮށް ހިންގުމަށް އަތޮޅުތަކުގައި ގާއިމު ކުރާ ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅައި، ވީހާވެސް ހަމަހަމަކޮށް ދައުލަތުގެ ހިދުމަތްތަކާ ތަރައްގީ ވާސިލުކޮށް، ތަރައްގީގެ ދުވެލި އަވަސްކޮށް، ވީހާވެސް ގިނަ ރައްޔިތުން ތަރައްގީގެ ކަންކަމުގައި ބައިވެރި ކުރުވުމަށް ގާނޫނުއަސާސީގައި ލިޔުމަށް ހުށައެޅުން ތަކެއް ހުށައަޅައިފަ އެވެ.

ފެހި ގާނޫނު އަސާސީން ލިބުނު ފުރުސަތުތަކުގެ ތެރެއިން ރައްޔިތުންގެ އަތް މައްޗަށް ބާރުތައް ދޫކޮށްލީ ނަމެއްގަ އެވެ. އެއް މިސާލަކީ ލާމަރުކަޒީ ނިޒާމަށް ރާއްޖެ ހިންގާތާ 14 އަހަރު ވެފައިވީ ނަމަވެސް ހާލަތު ބަދަލެއް ނުވެ އެވެ. އަދި ވެސް އޮތީ މައި ސަރުކާރުގެ ވެރިން ތިއްބަވާ އޮފީސްތަކުގެ ބުޑުގައި މުގޯލި އަޅަމުން އާދޭސް ދެންނެވުމެވެ! މި މާޒީ މިގޮތުގައި ދިގުނުދަންމާ ހައްލު ކުރުމަށް "އެދޭ ރާއްޖެ" ކަރުދާހުން ވަނީ ހައްލުތަކެއް ބުނެދީފަ އެވެ. އެގޮތުން:

1. ކައުންސިލްތަކާ، މަދަނީ މުޖުތަމައު އާއި ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު ފަރުމާކޮށް ގައުމީ ތަރައްގީގެ ތަސައްވުރާ ޕްލޭންއެއް އެކުލަވާލާ، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން

 2. އަތޮޅު ތަރައްގީ ކަށަވަރު ކުރުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރުވުމަށްޓަކައި، އަތޮޅުގައިވާ ގުދުރަތީ ވަސީލަތްތައް ހިމެނޭގޮތުން ދައުލަތުގެ ވަސީލަތްތަކުގެ ހައްގު އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެ ގޮތް ކަނޑައެޅުން (ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް މިހާރު ލިބެނީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ 5 އިންސައްތަ އަދި ބިމު ކުލީގެ 40 އިންސައްތަ).

 3. ދިގު ރާސްތާ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅުގެ އިހުތިސާސްއާއި ބާރު ގާނޫނު އަސާސީގައި ކަނޑައެޅުން 

 4. އަތޮޅު ކައުންސިލްގެ ރައީސްއާއި ނައިބު ރައީސް ސީދާ އަތޮޅުން އިންތިހާބުކުރުން.

 5. އަތޮޅު ކައުންސިލް ރައީސް އަދި ނައިބު ރައީސް ދުވަހުން ދުވަހަށް މަސައްކަތަށް ނުކުންނަން ޖެހޭނެގޮތަށް ކަނޑައެޅުން.

 6. އަތޮޅު ކައުންސިލްގެ އެހެން މެމްބަރުންނަކީ ކައުންސިލް ބައްދަލުވުންތަކަށް ހާޒިރުވާ މީހުންކަމަށް ކަނޑައެޅުން.

 7. ކައުންސިލްގެ އެކުލެވިގެންވަނީ އަތޮޅުގެ ކޮންމެ ރަށަކުން އިންތިހާބު ކުރާ ބައެއްކަމަށް ކަނޑައެޅުން.

 8. އަތޮޅު ހިންގުން ޔަގީން ކުރުމަށް އެކަމަށް ގާބިލް ފަރާތްތައް ކައުންސިލްތަކަށް ގެނައުމުގެ ބޭނުމުގައި އެފަރާތްތަކުގެ ޝަރުތުތަކާމެދު މަޝްވަރާ ކުރުން.

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.

އެދޭ ރާއްޖެ ކަރުދާހުގައި ބުނާ ގޮތުން "އަތޮޅު ހިންގަން" މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް މައި ސަރުކާރުން ކޮންޓްރޯލް ކުރަމުން އައުމެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުން ކުރުމެވެ.

މިގޮތަށް ދައުލަތުގެ މާލީ އަދި ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް