
ޕޮލްކޯއިން ހިންގި ހައުސިން މަޝްރޫއާއި ގުޅިގެން އޮޑިޓް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެ މަޝްރޫއު ޕޮލްކޯއާ ހަވާލުކުރުމުން އެ މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެ ކުންފުންފުނީގެ އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުންވެފައިވާކަމަށެވެ. މަޝްރޫއު އޮޑިޓްކުރި ތާރީހުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައއިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.
ފުލުހުންނަށް އެޅި ފްލެޓް މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފައިވާ ކަންކަން ހިނގާފައިވާކަން ފާހަގަކޮށް އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއް ހޯދާ ފިޔަވަޅު އެޅުމަށް އޭސީސީއާ ތަހުގީގީ އިދާރާތަކަށް އޮޑިޓާ ޖެނެރަލް ވެސް ވަނީ އަންގާފައެވެ.
މި މައްސަލަ ބެލި މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީން ނިންމީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭ ފުލުހުންގެ މިހާރުގެ ބައެއް އިސްވެރިން ހިމެނޭތީ، އަދި މި މައްސަލައިގައި ޖިނާއީ ސީރިއަސް ތަހުގީގެއް ހިންގޭނެތީ، މި މައްސަލައިގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ކަނޑައަޅައި، މި މައްސަލަ ބެލުމަށް އޭސީސީގައި ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް ސެކްޝަނެއް އުފައްދައި، އެ ސެކްޝަނާއި މައްސަލަ ތަހުގީގުކުރުމަށް ހަވާލުކުރުމަށެވެ.
އޮޑިޓް ރިޕޯޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، އޭސީސީގައި ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް ސެކްޝަނެއް އުފެއްދުމުގެ ހުއްދަ ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވާ ކަމަށެވެ.
ނާޒިމު ވިދާޅުވީ މި މައްސަލަ ބަލަން އޭސީސީއާއި ހަވާލުކުރަން ލަފާދޭން ކޮމެޓީން ނިންމިނަމަވެސް އެންމެ ފުރަތަމަ ވިސްނުމަކީ ރިޔާސީ ކޮމިޝަނެއް ހަދާ މައްސަލަ ބެލުންކަމަށެވެ. އަދި ޕޮލްކޯގެ ކޮރަޕްޝަންގައި ޝާމިލުވާ ކުރީގެ ފުލުހުންނަށާއި މިހާރުގެ ފުލުހުން ނުހައްގު މުއްސަނދިކަން ހޯދާފައިވާތީއާއި އެހެން ފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދީ، ދައުލަތަށް ގެއްލުން ދީފައިވާތީ އެ ފުލުހުންގެ މައްޗަށް ފިޔަވަޅު އަޅަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް އަންގަންވެސް ކޮމެޓީން ވަނީ ނިންމާފައެވެ.
މަޖީލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ފާހަގަކުރި ކަންތަކުގެ ތެރޭގައި ފްލެޓުތަކުގެ މަސައްކަތް ނިންމަން އެންމެ ފަހުން ހަވާލުކުރި އަމީން ކޮންސްޓްރަކްޝަނަށް ވޭރިއޭޝަންގެ ގޮތުގައި ދޫކުރި ފައިސާއާ ގުޅިގެން ހިނގާފައި ހުރި ކަންކަން ހިމެނެއެވެ. އެގޮތުން ވޭރިއޭޝަނަށް 66 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކުރަން ޖެހުނީ ސައިޓުގައި ހުންނާނެ ކަމަށް ބުނި ބައެއް ސާމާނު ސައިޓުގައި ނެތުމުންކަމަށް ކޮމެޓީން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ސާމާނު އެތަނުގައި ނެތީ އައިލެންޑް އެކްސްޕާޓުގެ އެހެން މަޝްރޫއަކަށް އެ ސާމާނު ބޭނުންކުރުމުންކަމަށްވެސް ކޮމެޓީން ވަނީ ފާހަގަކޮށްފައެވެ.
މި ކޮރަޕްޝަނުގައި އައިލެންޑް އެކްސްޕާޓް ފައިސާ ލިބިފައިވާއިރު އެތަނުގެ ޑިރެކްޓަރަކު ހުޅުމާލޭން ބިން ގަތްކަމަށް ކޮމެޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން ކުރީ ޕޮލްކޯއިން ނެގި ފައިސާއިން ކަމަށް ކޮމެޓީން ވަނީ ފާހަގަކޮށްފައެވެ.