
ހައުސިން މިނިސްޓްރީން ބުނީ 15 ނޮވެންބަރު 2023ގައި އެ މިނިސްޓްރީން ކުރި އިއުލާނުގައި ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށާއި، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށްކަމަށާއި އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
އެހެންނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 16 ނޮވެންބަރު 2023 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76 މާކްސްއަށް ވުރެ މަތިން މާކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި 76 މާކްސްއަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 މާކްސްއަށް ވުރެ މަތިން މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން 76 މާކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަކީ ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށްވާތީ، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައަޅައި އެ މަރްހަލާ ނިމުމުން، 75 މާކްސް ލިބުނު ފަރާތްތަކުގެ ފްލެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ހައުސިން މިނިސްޓްރީން ކުރި އިއުލާންގައިވެއެވެ.