
މޫސާ އިބްރާހިމަށް ވަޅިން ހަމާލާދީ މަރާލާފައިވަނީ މިދިޔަ މަހުގެ 28 ވަނަދުވަހުގެ ހަނދުނުގެ ވަގުތެއްގައެވެ. 9 ދުވަސްފަހުން މޫސާ އިބްރާހިމްގެ އޮޓަޕްސީ ހަދަން ފުލުހުން މި ފޮނުވަނީ އޭނާގެ އާއިލާ އެކަމާއި ދެކޮޅު ހަދަމުން ދަނިކޮށެވެ.
މޫސާ އިބްރާހިމަށް ވަޅިން ހަމާލާދީ މަރާލި ދުވަސް ނޫން އަނެއް ދުވަހު ފުލުހުން ވަނީ އޭނާގެ ހަށިގަނދޑު މާލެ ގެނެސްފައެވެ. އޭރު ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މާލެ ގެނައީ އިތުރު ތަހުލީލުތަކެއް ހެދުމަށް ކަމަށެވެ. އަދި އޭގެ ފަހުން ފުލުހުން ވަނީ މޫސާ އިބްރާހިމްގެ ޕޯސްމޯޓަމް ހެދުމަށް ނިންމާފައެވެ.
އެހެންނަމަވެސް އޭގެ ފަހުން ހަފްތާއަކަށްވުރެ ގިނަ ދުވަސް ވުމުން އާއިލާއިން ވަނީ މޫސާ އިބްރާހިމްގެ ޖަނާޒާ ކަންކަން ކުރިޔަށް ގެންދިޔުމަށް އާއިލާއާ ހަށިގަނޑު ހަވާލުކޮށްދިނުމަށް އެދިފައެވެ.
ފުލުހުން މިއަދު ބުނީ މޫސާ އިބްރާހިމްގެ އޮޓަޕްސްސީ ހެދުމަށް މާދަމާ އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލަން ނިންމާފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާއަށް ވަޅިން ހަމަލާދިން ހދ. ނޮޅިވަރަންފަރު، އަސްކަރީ މަންޒިލް މުހައްމަދު އިބުރާހިމް (29) ހައްޔަރުކޮށް ޝަރީއަތް ނިމެންދެން އޭނާގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. އޭނާގެ މުއްދަތު ޖަހާފައިވަނީ ކުށަށް އޭނާ ކޯޓުގައި އިއުތިރާފުވުމުންނެވެ.
ފުލުހުން ވަނީ މޫސާ މަރަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފީނައިގެން ހޯދާފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. އަދި މަރުވި މޫސާގެވެސް ކުށުގެ ރެކޯޑު އޮތްކަމަށް ރިޕޯޓުތައް ބުނެއެވެ.