
މަހެއްހައި ދުވަހުގެ އުނދަގޫ ބުރަ ޝޫޓިންގ ނިންމާލުމަށްފަހު މިރޭ ޝައްޔާންއަށް ހިންދެމިލެވިއްޖެ އެވެ.
...............
ތަޅުގައި ހިފައި އަނބުރާލެވުމާއެކު ދޮރު ހުޅުވިއްޖެ އެވެ. އަމާރާގެ އިންތިޒާރުގައި ޝައްޔާން ދޮރު ތަޅުނުލައއި ހުރުމަކީ އަޖައިބުވެ، އަންތަރީސްވާންޖެހޭކަމެއް ނޫނެވެ.
ޕެނޓްހައުސްއަށް ވަދެގެން އަމާރާއައީ އެގޭގެ ކޮންމެ ދިމާއަކަށް ފަރިތަކަމާއެކު ބަލަމުންނެވެ. ސޯފާއާއި ހަމައަށް އަރައިހަމަވުމާއެކު އަމާރާގެ ނިއްކުރިއަށް ރޫ ގުޅަވެއްޖެ އެވެ.
ސޯފާމައްޗަށް ޝައްޔާން އޮތީ ދެމިފައި އެވެ. ހަށިގަޑުގައި ދިރުމެއް ނެތް އަދި ފަނޑު ވިންދެއްވެސް ނެތް މަސްގަނޑެއް ފަދައިންނެވެ. އާންމުކޮށް އެއްމިޔަކަނުން ހިނިއައިސްފައި ހުރުމާއި، ސަމާސާ މިޒާޖުގެ އެއްވެސް ތާޒާ އަސަރެއް އެ މޫނުގައި މިރޭ ނެތެވެ. ދެލޮލުގެ އެސްފިޔައެއްވެސް ހުޅުވާލާނެ ހިތްވަރެއް ޝައްޔާންގެ ގައިގަ ނެތެވެ.
މޫނުމަތީގެ ތާޒާކަން ކެނޑި، ކުރަކިވެފައިވާ ތުންފަތްމަތީން ހިނިތުންވުމުގެ ކުޑަވެސް ނިޝާނެއް ނެތެވެ.
"ފެންނަ ފެނުމަށް ހީވަނީ ފާވެފައި އޮތް ޓޮމާޓޯއެއް ސޯފާމައްޗަށް އެއްލާފައި އޮތްހެން" ޅިނދުގައި ދެއަތް ވިއްދާލަމުން އަމާރާ ބުނެލީ ޔަގީނުންވެސް ޝައްޔާންގެ ދެ ލޯ ހުޅުވާނެފަދަ ޖުމުލައެކެވެ.
"ނައިސް ޓު ސީ ޔޫ ޓޫ، ފުށްގުޑި!" ކުކުރާލަމުން ޝައްޔާން ބުނެލީ، އޭނާއަށް އަމާރާކުރި މަލާމާތް ބަލައިނުގަންނަކަން އަންގާލުމަށެވެ.
ދެލޮލުގެ ކަޅި އަނބުރާލަމުން އަމާރާ ޝައްޔާން އާއި ދާދިގާތަށް ޖެހިލި އެވެ.
"މިއިން ޒަމާނެއްގައި އެއްވެސް އެއްޗެއް ކައިގެން، ބޮއެގެންތަ ތި އުޅުނީ؟" ޝައްޔާންގެ މޫނާއި ދިމާއަށް ގުދުވެލާފައި އަމާރާ ސުވާލުކޮށްލީ އޭނާގެ 'ސްޓައިލް'ގަ އެވެ. އެ ބުނެލުމުގައި ފޮރުވިފައިވާ މާނަ، ދެނެގަންނާނެ ހިތްވަރެއް ޝައްޔާންގެ ހަށިގަނޑުގައި ނެތަސް، ވިސްނުން ތޫނު ސިކުނޑީގައި ވިންދެއް ޖަހައިލި އެވެ.
"ނޮޓް ހަންގްރީ!" ޖަވާބުލިބުނީ ޝައްޔާންގެ ސްޓައިލްގަ އެވެ.
ލޮލުގެ އެސްފިޔަވެސް ތަޅުވާލާނެ ހިތްވަރެއް ނުލިބި ދެމިފައި އޮތް ޝައްޔާންގެ ނިއްކުރީގައި އަމާރާގެ އަތުގެ ނުފުށުން ޖައްސާލި އެވެ.
ދެމީހުންގެ 'ހަން، ހުރަހަކާއިނުލައި' ބީހިގެންދިޔަވަގުތު އަމާރާގެ ދެބުމަދޭތެރެއަށް ރޫ އަރުވާލި އެވެ.
"ޝައްޔާން، ތިއޮތީ ހުންއައިސް ރަތްވެފައި!" އަމާރާގެ އަޑު ތުރުތުރުއަޅާ އެވެ.
"އިޓްސް ފައިން! އަހަރެން ނިދާލާނަން.. އޭރުން ރަގަޅުވާނެ!" ވަރުބަލިކަމާއެކު މަޑުމަޑުން ޝައްޔާން ބުންޏެވެ.
"ނޯ! ނިދާނީ ފަހުން! ތެދުވެ، އިށީންދެލާ!" އާދޭހާއެކު އަމާރާ ބުންޏެވެ.
"އަމާރާ.. -
"ތެދުވެ، އިށީންދޭ!" ޝައްޔާންގެ ދެކޮޅުހެދުން ހުއްޓުވާފައި އަމާރާގެ، އަމުރު ބާރުގަދަކޮށްލި އެވެ. ދެކޮޅުހަދާނެ ހިތްވަރެއް ޝައްޔާންގެ ނެތެވެ.
އެހެން ގޮތެއް ނެތުމުން، އަމާރާގެ ސަތޭކަޕަސެންޓް އެހީއާއެކު ޝައްޔާން ތެދުވި އެވެ. ބުރަކަށީގައި ކުށަން ޖައްސާލާފައި އޭނާ ބައިންދާލީ ނުހަނު ފަރުވާތެރިކަމާއެކު އެވެ.
ދުވެފައި ކަހަލަގޮތަކަށް އަމާރާ އަވަސްވެގަތީ ބަދިގެއާއި ދިމާއަށެވެ.
ގިނައިރުތަކެއް ނުވެ އަމާރާ އެނބުރި އައިސްފި އެވެ.
"ޝައްޔާން!"
ދެ ލޯ މެރިފައި އިން، ޝައްޔާންގެ ސަމާލުކަން ހޯދުމަށް އަމާރާ ގޮވައިލީ ވަރަށް މަޑުމަޑުންނެވެ. ވަރުބަލިކަމާއެކު އެސްފިޔަތަށް ދުރުކޮށްލާފައި ޝައްޔާން ބަލައިލި އެވެ.
އަމާރާގެ އަތުގައި ހުރި ތަބަކުގައި ބަހަށްޓާފައިހުރި ސޫޕްތަށިން އޭރު ދުންއަރަ އެވެ.
"ޔޫ ކުކް؟" ޝައްޔާން ސުވާލުކޮށްލީ އަމާރާގެ ކެއްކުމުގެ ހުނަރާއިމެދު ޔަގީންކަން ނެތީމަ އެވެ.
"ނޫން..! ޝައްޔާންގެ ޕްރޮފެޝަނަލް ކުކް ލައްވާ ކެއްކުވީ..! އެކަމަކު ފެށިގެން ނިމެންދެން އަހަރެންގެ ފުލް ކޮންޓްރޯލުގެ ދަށުގައި..! ޝައްޔާންގެ އެންމެ ފޭވަރިޓް ބަޓަރ، މީގެ ތެރެއަށް އަޅާފާނެތީ ހުންނާންޖެހުނީ ފާރައަށް!" ޝައްޔާންގެ ކަނާތްފަރާތު މަގަތުން އިށީންދެ އަމާރާ ހަމަޖެހިލި އެވެ.
ސޫޕް ސަމްސަލެއް ނަގާފައި ފުމެލި އެވެ. ފަރުވާތެރިކަމާއެކު ޝައްޔާންގެ ތުންފަތާއި ހަމައަށް ސަމްސާ ދިއްކޮށްލީ، ޖެހިލުމެއްނެތި އެވެ.
"އާރ ޔޫ ފީޑިންގ މީ؟" އެއްމިޔަކަނުން ހިނިއައިސްފައި ޝައްޔާން ސުވާލުކޮށްލީ، އަމާރާގެ ލޮބުވެތި އެ ހަރަކާތް ހަގީގަތުގައިވެސް އޭނާއަށް ގަބޫލުނުކުރެވިގެންނެވެ.
"ފުރާނަ ސަލާމަތްކޮށް، ދިރިހުންނާން ބޭނުން..؟"ދެ ލޯ ވަށްކޮށްފައި އަމާރާ ސުވާލުކުރި އެވެ.
ޗޮކެއް ކަނޑާލާފައި ޝައްޔާން އަނގަހުޅުވި އެވެ. ބަސްއަހައި ކުޑަކުއްޖަކު ފަދައިން، އަމާރާ ބުނި ކޮންމެ ގޮތެއް ޝައްޔާން މިވަގުތު ހަދާނެ އެވެ. އެފަދަ ލޮބުވެތި ސަމާލުކަމަކަށް ނޭދޭނީ އިންސާނުންގެ ތެރެއިން ހަމަބުއްދި ލިބބިފައި ނެތް މޮޔައެއްކަމަށް ޝައްޔާން ގަބޫލުކުރި އެވެ. މިއީ ޝައްޔާން ހަޔާތުގައި މިފަދަ ފުރަތަމަ ތަޖުރިބާކަމެއް، އަމާރާއަކަށް ނޭގޭނެ އެވެ.
ދެމީހުންގެ ދެމެދު އެކުލެވިފައިވާ ހިމޭންކަމާއި އަމާންކަމުގެ ހަބަރެއްވެސް އަމާރާއަށް ނުވެ އެވެ. ޝައްޔާންއަށް ސޫޕް ދެމުން، އަދި ދޭތެރެއަކުން ޝައްޔާންގެ ތުންފަތް އަމާރާގެ އިނގިލިން ފޮހެލައިދެވޭ ފަރުވާތެރި ގޮތް، އަމާރާއަށް ފާހަގަކުރެވުނީ އޭނާގެ އަތުގައި ޝައްޔާން މަޑުމަޑުން ހިފަހަށްޓާލުމުންނެވެ.
"ޔޫ އަރ ސްޕޮއިލިން މީ، ޑޮކްޓަރ!" މަޑުމަޑުން ޝައްޔާން ބުންޏެވެ.
ދެމީހުންގެ ހަތަރުކަޅި ހަމަވެއްޖެ އެވެ. ހިމޭން ވައިރޯޅީގެ ބީހިލުން އަމާރާގެ އިސްތަށިގަނޑާއި ސަމާސާކޮށްލި އެވެ.
ތެދެކެވެ. މީހެއްގެ އެހީތެރިކަމެއް ނެތި އެކަނިމައި އެކަނި ހުސްހަށިބަޔަށް ހުރި ފިރިހެނެކެވެ. ރެއާއއިދުވާލުން، ކާއެތިކޮޅެއް ހަމަޖެހިގެން ކާލާނެ ވަގުތުކޮޅެއް ނުލިބި އެތައް ދުވަހެއް ވެއްޖެ އެވެ. އަމިއްލަ ހާލަކީ ކޮބައިކަން ނުވިސްނި ހިރިލާނެވަރުނެތި، ސޯފާއަށް ދެމިފައި އޮއްވައި ލިބެމުންމިދާ ސަމާލުކަމާމެދު ނުވިސްނާ ހުރެވޭނެ ހެއްޔެވެ؟
ޝައްޔާންގެ ހިމޭންކަން ތަހަންމަލްކުރުން އަމާރާއަށް ފަސޭހަކަމަކަށް ނުވި އެވެ.
އަމާރާގެ ހިތުގައި ތަފާތު ވިންދެއް ޖަހަންފަށައިފި އެވެ.
މަޑުމަޑުން ޝައްޔާންގެ އަތު ތެރެއިން އަމާރާގެ އަތް ދަމައިގަތެވެ. އެތަން މިތަނަށް ބަލަން އަމާރާ މަސައްކަތްކުރި އެވެ. ޝައްޔާންގެ ލޮލަށް މިވަގުތު ބަލަން އަމާރާއަށް ފަސޭހައެއް ނުވި އެވެ.
"ތި އިޑިއަޓް ސްޕާސްޓާރއަށް، ކޮންމެވެސް މީހަކު އަޅާއިލާ ހާލުބަލަންޖެހޭ! އެކަން އަދިވެސް ގަބޫލުނުކުރަންތަ؟" އަމާރާ މަސައްކަތްކުރީ ޝައްޔާންގެ ސަމާލުކަން އެހެން މިސްރާބަކަށް ބަދަލުކުރެވޭތޯ އެވެ.
"އަހަރުމެން ދިމާވެ ބައްދަލުވީއްސުރެން އަމާރާ ތި އަންނަނީ އެކަން ބަރާބަރަށް ކުރަމުން!" ޖެހިލުމެއްނެތި ޝައއްޔާން ބުނެލި އެވެ.
އަމާރާ މަސައްކަތްކުރީ ޝައްޔާންއާއި ހަތަރުކަޅި ބައްދަލުނުކޮށް ވާނެގޮތެއް ހޯދާށެވެ. ލިބުނު ހަމައެކަނި ހައްލަކީ، އަތުގައި ހުރި ސޫޕްތައްޓަށް އޭނާގެ ފުރިހަމަ ސަމާލުކަން ހުއްޓުވާލުމެވެ.
ހަގީގަތުގައިވެސް، ޝައްޔާންގެ އެ ބުނުމަށް އަމާރާގެ ދުލުން ޖަވާބެއްދިނުން މުހިއްމެއް ނޫނެވެ. އަމާރާގެ އޯގާތެރިކަން ޝައްޔާންގެ ހިތުން ޖާގައެއް ކަށަވަރުކޮށްފި އެވެ!
.................
ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެކެވެ. އަމާރާގެ ސްކޫޓީގެ މިސްރާބު ހުރީ ޝައްޔާންގެ ގެއާއި ދިމާއަށެވެ.
ރޭގައި ބޯކޮށްވެހުނު ކެރީގެ ހަގީގަތް މާލޭގެ މަގުތަކުން އަދިވެސް ފެންނާން އެބައޮތެވެ.
ދުއްވަމުންދިޔަ ވެހިކަލްތަކުގެ ނިވަލުން ސަލާމަތްވެގެން ރައްކާތެރިކަމާއެކު ޝައްޔާންގެ ގެއާއި ހަމައަށް އަމާރާއަށް ދެވިއްޖެ އެވެ. ސްކޫޓީ ޕާކްކުރުމަށްފަހު ޝައްޔާންގެ ގޭ ދޮރުމަތީގައި އަމާރާ ހުއްޓި އޭނާގެ ދަބަހުން ތަޅުދަނޑި ނަގާފައި ދޮރު ހުޅުވާލި އެވެ.
އެތެރެއަށް ވަދެވުމާއެކު އޭނާގެ ދަބަހުގެ ތެރެއިން ނެގީ ބޭސްކޮތަޅެކެވެ.
އަމާރާ ބޭނުންވީ ހޮސްޕިޓަލަށް ދިއުމުގެ ކުރިން، ޝައްޔާންއަށް ބޭނުންވާ ބޭސް އޭނާގެ ގެއާއި ހަމައަށް ގެންގޮސްދިނުމަށެވެ. އަދި ބުރަ ދުވަހަކަށްވާތި ވީ އެންމެ އަވަހަކަށް ހޮސްޕޮޓަލަށް ދިއުން ވަރަށް މުހިއްމެވެ.
ނަމަވެސް ވިސްނާލާށެވެ! އަމާރާއާއި ޝައްޔާންއާއި ދެމެދުގައި އެއްވެސްކަމެއް ރާވާފައި އޮންނަގޮތަށް ފަސޭހަކަމާއެކު ނިމިގެން ހިނގައިދާނެ ހެއްޔެވެ؟
ނިދާފައި އޮންނާނެކަމަށް އުއްމީދުކުރި ޝައްޔާން، ސޯފާގައި އެއިނީ ރިމޯޓް ހިފައިގެން ޗެނަލް ބަދަލުކުރާށެވެ. ތުން ދަމައިގެން މޫނު ހަދައިގެން އެ އިންނަނީ އެކަނިވެ، ފޫހިވެގެންކަން ޔަގީނެވެ. ހުމުގެ އެއްވެސް އަސަރެއް މިހާރު ނެތްކަން ޝައްޔާންގެ ލޮލާއި އޭނާގެ ހަރަކާތުން އަމާރާ ދެނެގަތެވެ. އެހެނެއްކަމަކު، ވަރުބަލިކަމާއި ލޮޑުކަން ޝައްޔާންގެ މޫނުން ސާފުކޮށް ފެނެ އެވެ. (ނުނިމޭ)