ގުރައިދޫ އެއާޕޯޓް ތަރައްޤީކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެއާޕޯޓު އެޅުމަށް ގުރައިދޫގެ ފަޅުން 13.8 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެ މަޝްރުއޫގެ މަސައްކަތް ވަނީ ނިންމާލައިފަ އެވެ.
ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު މިރޭ ވިދާޅުވީ ގުރައިދޫ އެއާޕޯޓުގެ މަސައްކަތް 22 މަސް ތެރޭގައި ނިމޭނެ އެވެ. އަދި 2027 ވަނަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް، ޖުލައި 26 ގައި އެއާޕޯޓް ހުޅުވާނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ ގުރައިދޫގެ އެއާޕޯޓުގެ އިތުރުން، ރައީސް ވިދާޅުވި ގޮތުގައި، އެ ރަށުގެ ބިން ހިއްކުމުގެ އެއްބަސްވުމުގައި ވެސް މާދަމާ ސޮއިކުރާނެ އެވެ.
ތ. އަތޮޅުގައި މިހާރު އެއާޕޯޓު އޮންނަނީ އެ އަތޮޅު ތިމަރަފުށީގަ އެވެ. އެ އެއާޕޯޓު ހުޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013ގަ އެވެ.