ads
މިއީ ﷲގެ ކޯފާއެއް ނޫން، ދުނިޔަވީ ހަޔާތުގެ ސުންނަތެއް: ރައީސް މައުމޫން
މިފަދަ ކަންކަމަކީ މާތް ﷲގެ ކޯފާއެއް ނޫންކަމަށާއި މިއީ ދުނިޔަވީ ހަޔާތުގެ ސުންނަތްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވަނީ ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް މައުމޫން ފައުންޑޭޝަންގެ ފަރާތުން މީގެކުރިން ބާއްވަމުން އައި ބައްދަލުވުންތަކުގެ ބަދަލުގައި ރޯދަ މަހަށް ހާއްސަކޮށްގެން ގެނެސްދެއްވާ ސިލްސިލާ ޕްރޮގްރާމް "ދީނާއި ދުނިޔެ" ގައެވެ. 

މިފަހަރުުގެ ރަމަޟާން މަހާ ކުރިމަތިލަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަންފާހަގަކޮށް ރައީސް މައުމޫން ވިދާޅުވީ ހުރިހާ ފަރާތްތަކެއްވެސް މިވަގުތު ތިބީ ކޮވިޑް19 ގެ ސަބަބުން ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އަހުވަންތަކަމާއި އެއްބަނޑުއެއްބަފާ ކަން އިސްކުރަންވާނެކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. 

ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވެފައިވާ ހިތްދަތިކަން ފިލުވުމަށްޓަކައި ގިނަ ފަރާތްތަކަކުން މަސައްކަތްކުރާކަމަށާއި، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ވެސް އެފަދަ ހަރަކާތްތައް ހިންގަމުން އަންނަކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދީލަތިކަމާއި އެކު އެކަކު އަނެކަކަށް އެހީތެރިވެދިނުމަކީ މުހިންމު ކަމެއްކަމަށެވެ.

އެއްބައި ދުވަސްތައް ވާނީ ހިތްހަމަޖެހެހޭ ދުވަސްތަކަށް ކަމަށާއި، އަނެއްބައި ދުވަސްތައް ވާނީ ހިތާމަވެރި ދުވަސްތަކަކަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، މިއީ މާތް ﷲގެ ކޯފާއެއް ނޫންކަމަށެވެ. 

"ކީރިތި ރަސޫލާގެ އަސްހާބުންގެ ޒަމާނުގައި ޠާއޫން ބަލި ފެތުރިގެންދިޔަ. އަދި އޭގެތެރެއިން އެ ޠާއޫން ބަލި ޖެހިވަޑައިގެން އަވަހާރަވި އެއް ބޭފުޅަކީ، އެބޭކަލަކީ މާތް ﷲ ސުވަރުގެ ވައްދަވާނެކަމުގެ ވައުދުގެ ބަސްފުޅު އިއްވަވާފައިވާ 10 ބޭކަލުންގެ ތެރެއިން ބޭކަލެއް. އަދި މި އުންމަތުގެ އަމީންގެ ލަޤަބު ކީރިތި ރަސޫލާ ދެއްވަވާފައިވާ ބޭކަލެއް."

އަދި މިފަދަ ކަންކަމުން އިނގިގެންދަނީ މިއީ ﷲގެ ކޯފާއެއް ނޫންކަމާއި ދުނިޔަވީ ހަޔާތުގެ ސުންނަތެއްކަން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި މިފަދަ ކަންކަމުގެ ފަރުވައަކީ ކެތްތެރިކަންކަމަށާއި، ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމުން މި ކަމުން އަރައިގަނެވޭނެކަން ފާހަގަ ކުރެއްވި އެވެ. 

އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ހުރިހާ ފަރާތްތަކެއްގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކެއްކަން ފާހަގަކޮށް ރައީސް މައުމޫން ވިދާޅުވީ އެކަންކަމަށް ހުރިހާ ފަރާތްތަކަކުންވެސް އަމަލުކުރަންޖެހޭނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް