
އިޒްރޭލްގެ ސެކިއުރިޓީ ކެބިނެޓުން މިއަދު ވަނީ ގާޒާ އެއްކޮށް ހިފައި، އިޒްރޭލުގެ ބާރުގެ ދަށަށް ގެންދަން ނިންމާފަ އެވެ. ގާޒާގައި ތިބި އާންމު ރައްޔިތުން ގަދަބާރުން، ގާޒާގެ މެދުތެރޭ ސަރަހައްދުތަކުގެ ކޭމްޕުތަކަކަށް ބަދަލުކުރަން ވެސް ވަނީ ނިންމާފަ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައި ކޮމިޝަނަރު ވޮލްކާ ޓާކް ވިދާޅުވީ އިޒްރޭލުގެ މި ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ. ޓާކް ވަނީ ގަބޫލުނުކުރެވޭ ފަދަ އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް އިންޒާރު ދެއްވާފަ އެވެ.
އިސްރާއިލްގެ އަމަލުތައް މުޅި ދުނިޔެއިން ކުށްވެރިކުރިއިރު، ސަލާމަތީ ކެބިނެޓް ބައްދަލުވުމުގެ ކުރިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސް ބަލިކޮށް އިސްރާއީލުން ގާޒާގެ ފުރިހަމަ އަސްކަރީ ކޮންޓްރޯލް ނަގަން ގަސްތުކުރާކަން އިއުލާން ކުރައްވާފަ އެވެ.
ހަމާސްއިން ބުނާ ގޮތުގައި އެ ޕްލޭނަކީ "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށާއި، ގާޒާ ހިފުމަށް ނަތަންޔާހޫ ރާވާފައިވާ ކަންކަމުން އެނގެނީ އޭނާގެ އަމާޒަކީ އޭނާގެ އަމިއްލަ މަސްލަހަތަށް ހިދުމަތް ކުރުމަށްޓަކައި އިސްރާއީލުގެ އަސީރުން ގުރުބާން ކުރުން ކަމަށް ހަމާސްއިން ބުނެއެވެ.
ގާޒާ ހިފުމުގެ ޕްލޭން ފާސްކޮށްފައި ވަނީ އިންސާނީ ހާލަތު ގޯސްވުމުން ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުން އިސްރާއީލަށް ވަރަށް ބޮޑަށް އަމާޒުވެ، ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ވަނީ ގާޒާގައި މިހާަތަނަށް 62،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ގާޒާގެ އެކި ސަރަޙައްދުތަކުގައި ފަލަސްތީނުގެ 100 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
އިޒްރޭލުން ކަންކުރާ ގޮތުން ގާޒާގެ ބޮޑު ސަރަހައްދަކަށް ހައިހޫނުކަން އާންމުވެފައި ވާތީ އެހީ ފޯރުކޮށްދެވޭނެ ގޮތް ވަގުތުން ހަމަޖެއްސުމަށް 100 އަށް ވުރެ ގިނަ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ އެ ހައިހޫނުކަމަކީ ހަމާސްގެ އުފެއްދުމެއް ކަމަށެވެ.