
ނޯތު ހާބަރު ސަރަހައްދުގައި އުޅަނދު އެޅޭނީ ހަމައެކަނި ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކަށް އެކަނިކަން އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ.
އެމްޕީއެލްގެ ނޯތު ހާބަރު ހިންގުމާ ހަވާލުވެ ހުންނެވި އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު ހަމްދުﷲ ރަޝީދު ދައުލަތުގެ މީޑުއާ މެދުވެރިކޮށް ވިދާޅުވި ގޮތުގައި ރަޖިސްޓާކުރުމަކީ ކޮންމެ ވަގުތެއްގައިވެސް ކުރެވޭނެ ކަމެކެވެ.
އެމްޕީއެލްއިން ބޭނުންވަނީ ވިޔަފާރި އުސޫލުން ހިންގާ ބަނދަރެއްގެ ގޮތުގައި ނޯތު ހާބަރު ހިންގުމުގެ ބަދަލުގައި ރައްޔިތުންނަށްދޭ އާންމު ހިދުމަތެއްގެ ގޮތުގައި އެތަން ހިންގުން ކަމަށް ހަމްދުﷲ ވިދާޅުވިއެވެ.
މީގެއިތުރުން ނޯތު ހާބަރު ސަރަހައްދު ބޮޑުކުރުމާއެކު، އެމްޕީއެލްއިން ދަނީ އަލަށް އިތުރުވި ސަރަހައްދަށް ގެންނަންޖެހޭ ބަދަލުތަކާއި ހިދުމަތްތައް ގެނައުމަށް މަސައްކަތްކުރަމުންނެވެ. އަދި ނޯތު ހާބަރަށް ގެންނަ ބަދަލުތަކާއެކު އެ ސަރަހައްދުން ތެލާއި އައިސް ލިބޭނެ އިންތިޒާމުތައްވެސް ހަމަޖައްސާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.