
ސްކޭމްތަކުން ރައްކާތެރިވުމަށް ވައިބާގެ ވެރިފިކޭޝަން ކޯޑު އެއްވެސް ހާލެއްގައި އެހެން ފަރާތަކާ ހިއްސާނުކުރުމަށާއި "ޓޫ-ސްޓެޕް ވެރިފިކޭޝަން" އެކްޓިވޭޓްކުރުމަށް ފުލުހުން ބުންޏެވެ. އަދި ވައިބާއިން ކުއްލިއަކަށް ފައިސާ ނުވަތަ ޒާތީ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެނަމަ، ފޯނުން ގުޅައި ޔަގީންކުރުމަށްވެސް ފުލުހުން އިރުޝާދު ދީފައިވެއެވެ.
އޮންލައިން މުއާމަލާތްތަކުގައި ރަސްމީ އަދި ގާނޫނީ ގޮތުން ގަބޫލުކުރެވޭ ޕޭމަންޓް ގޭޓްވޭތައް އެކަނި ބޭނުންކުރުމަށް ފުލުހުން ބާރުއަޅައެވެ. މީގެ އިތުރުން އަންޑެންޓިފައިޑް ފޮރިން ނަންބަރުތަކުން އަންނަ މެސެޖުތަކަށް ޖަވާބު ނުދިނުމާއި އެފަދަ ނަންބަރުތަކަށް ގުޅާފައި އަންނަ ކޯލްތަކަށް ޖަވާބު ނުދީ ބްލޮކްކުރުމަށްވެސް ފުލުހުން އިރުޝާދު ދެއެވެ. އޮންލައިން ޝޮޕިން ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގާ ސްކޭމްތަކާމެދުވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އެދިފައިވެއެވެ.
ފުލުހުން ދީފައިވާ މައުލޫމާތުގައި، ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމަށާއި، ޝައްކުކުރެވޭ މުއާމަލާތްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުމަށް ބުނެފައިވެއެވެ. އަދި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެޓްފޯމަށް ރިޕޯޓުކޮށް، ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތް ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަން ފުލުހުން ހަނދާންކޮށްދީފައިވެއެވެ.