
ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނައިބު ރައީސްގެ މައްޗަށް އުފުލި ދައުވާތަކުން ހަތް ދައުވާއެއް ވަނީ ސާބިތުވެފައެވެ. އެ ދައުވާތަކުގެ އަދަބެއްގެ ގޮތުން އޭނާ 20 އަހަރަށް ޖަލަށްލުމާއި އެކު 2 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަންވެސް ވަނީ ހުކުމުގައިވެއެވެ.
ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ދެ މިލިއަންގެ ތެރެއިން އަދީބު ވަނީ އެއް މިލިއަން ރުފިޔާ ދައްކާފައެވެ. އެހެންނަމަވެސް ބާކީ އޮތް އެއް މިލިއަން ދައްކާފައި ނުވާތީ އެ ފައިސާ ދައްކަން ސިވިލް ކޯޓުން މިދިޔަ އަހަރު ޖެހުއަރީ މަހު ހުކުމްކުރިއެވެ. އޭރު ކުރި ހުކުމްގައި ވަނީ އެ ފައިސާ އެއްމަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
އެހެންނަމަވެސް މިހާތަނަށްވެސް އަދީބު އެ ފައިސާ ދައްކާ ނުވާތީ އެ ހުކުމް ތަންފީޒުކޮށްދިނުމަށް ދައުލަތުން އަނެއްކާވެސް ސިވިލްކޯޓަށް ވަނީ ހުށައަޅާފައެވެ. އެހެންނަމަވެސް އަދީބުގެ ބޭންކު އެކައުންޓްގައި އެއްވެސް ފައިސާއެއް ނެތުމުން އެ ހުކުމް ވަނީ ތަންފީޒު ނުކުރެވިއެވެ. އެނގިފައިވާ ގޮތުގައި އަދީބުގެ ނަމުގައި ހުރި އެއްވެސް މުދަލެއްވެސް ނެތެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގައި މިހާތަނަށް ކުށް ސާބިތުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެކުންފުނީގެ ކުރީގެ އެމްޑީ އަބްދު ﷲ ޒިޔަތުގެ މައްޗަށް އެކަނިއެވެ. އެހެންނަމަވެސް ކުރީ ސަރުކާރުން ދައުލަތާއި އެކު އަދީބާއި ހެދި އެއްބަސްވުމުގެ ދަށުން މިދިޔަ ސަރުކާރުން ނިމުނުއިރު އަދީބުގެ ޖަލު ހުކުމްގެ ބާކީބައި އެންމެ ހަތަރު ދުވަހަށް ލުއިކޮށްދިނެވެ. އެ ނިންމުމާ އެކު، އަދީބު ވަނީ އެއްކޮށް މިނިވަންވެފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުން ފައިސާ ބޭނުން ކުރި ބަޔަކު ހެއްކާއި ހޯދާފައިވާކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.