
އާދީއްތަ ދުވަހުގެ ހަވީރު ގާޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުގެ މައި ގޭޓުގެ ބޭރުގައި ހުންނަ ޓެންޓަކަށް ދިން އެ ހަމަލާގައި ހަތް މީހުން ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި އަލްޖަޒީރާގެ ކަރަސްޕޮންޑެންޓު މުހައްމަދު ގްރެއިގު އާއި ކެމެރާ އޮޕަރޭޓަރުން ކަމަށްވާ އިބްރާހިމް ޒާހިރާއި މުހައްމަދު ނޫފާލް އަދި މުއާމަން އަލިވާ ހިމެނެ އެވެ.
އަލް ޝަރީފަކީ ގާޒާއިން ރިޕޯޓްކުރުމުގައި އަލް ޖަޒީރާގެ އެންމެ މަޝްހޫރު އެއް ނޫސްވެރިޔާ އެވެ. އިސްރާއީލުން ބުނީ އެ ހަމަލާ ދިނީ އުމުރުން 28 އަހަރުގެ ޝަރީފަށް އަމާޒުކޮށް ކަމަށެވެ.
އިޒްރޭލުން ވަނީ މީގެތެރެއިން މަރުވި އަލްޖަޒީރާގެ ނޫސްވެރިޔާ، އަނަސް އަލް ޝާރިފް އަކީ އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ ސެލްއެއްގެ ލީޑަރެއް ކަމަށް ބުނެފަ އެވެ. ނަމަވެސް މި ތުހުމަތުތައް އަލްޖަޒީރާ އިން ވަނީ ދޮގުކޮށްފަ އެވެ.
އަލްޖަޒީރާ އިން ބުނީ އަނަސް އަކީ ނޫސްވެރިކަމުގެ ޒިންމާ އަދާކުރަން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން މަސައްކަތް ކުރަމުންދިޔަ ފަރާތެއް ކަމަށާއި ގާޒާގެ އުތުރުގެ ހިސާބުތަކުގައި ހިނގަމުންދާ ކަންކަން ރިޕޯޓުކުރުމުގައި އަނަސް ދިޔައީ ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ.
އޭނާ އެންމެ ފަހުން ކުރި ޕޯސްޓްތަކުގެ ތެރޭގައި އިސްރާއީލުން ރޭ ގާޒާއަށް ދެމުން ދިޔަ ހަމަލާތައް ފެންނަ ކުރު ވީޑިއޯއެއް ވެސް ހިމެނެ އެވެ.
ގާޒާ ހަނގުރާމައިގައި އިސްރާއީލުން ވަނީ ނޫސްވެރިންނަށް އަމާޒުކޮށް އެތައް ހަމަލާއެއް ދީފަ އެވެ. އެގޮތުން މިހާތަނަށް 200 އަށްވުރެ ގިނަ ނޫސްވެރިން ވަނީ ޝަހީދުކޮށްލާފަ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޮލްކާ ތުރުކްގެ އޮފީހުން އެކްސްގައި ބުނީ އިޒްރޭލުގެ އަސްކަރިއްޔާގެ އަމާޒަކީ ގަތަރުގެ ބްރޯޑްކާސްޓަރު އަލް ޖަޒީރާގެ ފަސް މުވައްޒަފަކު ތިބޭ ޓެންޓެއް ކަމަށެވެ.
އިސްރާއީލުން ވަނީ މި ޖަރީމާއަށް އެއްބަސްވެފަ އެވެ. މި ޖަރީމާ ހިންގީ އަލްޖަޒީރާގެ މީޑިއާ ޓީމުގައި ހިމެނޭ މުރާސިލެއް ކަމަށްވާ މުހައްމަލު އަލްގުރައިއުއަކީ ހަމާސްއާ ގުޅުންހުރި ޓެރަރިސްޓަކަށްވާތީ ކަމަށް ބުނެ އިސްރާއީލުން ވަނީ މި ގަތުލުއާންމު ދިފާއުކޮށްފަ އެވެ.
މީޑިއާގެ މިނިވަންކަމަށް މަސައްކަތްކުރާ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވެސް ވަނީ ނޫސްވެރިންނަށް ދިން ހަމަލާ ހަރުކަށިކަމާ އެކު ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ވަނީ ގާޒާގައި މިހާަތަނަށް 62،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ގާޒާގެ އެކި ސަރަޙައްދުތަކުގައި ފަލަސްތީނުގެ 150 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
އިޒްރޭލުން ކަންކުރާ ގޮތުން ގާޒާގެ ބޮޑު ސަރަހައްދަކަށް ހައިހޫނުކަން އާންމުވެފައި ވާތީ އެހީ ފޯރުކޮށްދެވޭނެ ގޮތް ވަގުތުން ހަމަޖެއްސުމަށް 100 އަށް ވުރެ ގިނަ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ އެ ހައިހޫނުކަމަކީ ހަމާސްގެ އުފެއްދުމެއް ކަމަށެވެ.