ads
އޭދަފުށީ ކައުންސިލާ ރައީސް ބައްދަލުކުރައްވަނީ
ކައުންސިލްތަކުން ބޭކާރު ދަތުރުކުރުމަކީ ޒިންމާދާރު ގޮތެއް ނޫން: ރައީސް
ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރާ ފައިސާއިން "ތަޖުރިބާގެ ދަތުރުތަކަށް" ހަރަދުކުރާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރުހުން ފާޅުކުރައްވައިފި އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކެންދޫ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ކައުންސިލްތަކުގެ ހަރަދުތައް ކުޑަކުރުމަށާއި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސަރުކާރުން އަންގާފައި ވިޔަސް، ބައެއް ކައުންސިލްތަކުން ޔޫއޭއީ އާއި ތުރުކީ އާއި ތައިލެންޑް ފަދަ ގައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ މައްސަލަ ވަރަށް ބޮޑެވެ.

މިފަހުން ވަނީ ހދ. އަތޮޅު ކައުންސިލުގެ ބަޖެޓުން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން، އެއްވެސް ފައިދާއެއް ނުކުރާ ތަޖުރިބާ ދަތުރެއްގައި އެ ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި މުވައްޒަފުން ތައިލެންޑުގެ ބެންކޮކަށް ދިޔަ މައްސަލައެއް ފެންމަތިވެ، އެކަމަށް ފިޔަވަޅު އަޅަަން އޮޑިޓާ ޖެނެރަލް ވެސް އަންގަވައިފަ އެވެ.

މިއީ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓަކީ އެރަށެއްގެ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މުނިސިޕަލް ކަންތައްތައް ކުރުމަށް ދޭ ފައިސާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް ދާދި ފަހުންވެސް ކޮންމެވެސް ރަށެއްގެ މުޅި އަތޮޅު ކައުންސިލް އޮތްގޮތަށް ތަޖުރިބާ ދަތުރެއް ކުރިކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުން ކައުންސިލްތަކަށް މާލީ އެހީގެ ގޮތުގައި ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ ދޫކުރި ކަމަށާއި ނަމަވެސް އަހަރު ނިމުނުއިރު އެ ފައިސާ ހޭދަނުކޮށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއްގެ އެކައުންޓުގައި ބާކީ ޖުމްލަ 1.4 ބިލިއަން ރުފިޔާ ބަހައްޓާފައި ހުރި ކަމަށެވެ.

"މިއީ ބްލޮކް ގްރާންޓް. މި ފައިސާ ކައުންސިލްތަކަށް މިދެނީ ހިދުމަތްތައް ފޯރުކޮށްދޭން، މުނިސިޕަލް ހިދުމަތް ކުރަން މިދެނީ. އެ ފައިސާ ހަރަދުކުރުމަކީ ކައުންސިލަށް ލާޒިމު ކަމެއް ރައްޔިތުންނަށް ކަންކަން ކޮށްދޭން. އެކަމަކު އަހަރު ނިމުނުއިރު މިހުރީ މީގެ ދެބައިކުޅަ އެއްބައި ހޭދަނުކޮށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަހަރު ވެސް ކަންކަން ދަނީ ހަމަ މިގޮތަށް ކަމަށާއި ފުދޭ ވަރެއްގެ ބޮޑު އިންސަތައެއްގެ ފައިސާ ކައުންސިލްތަކުން ހުންނަނީ ބަހައްޓާފައި ކަމަށެވެ. އަދި އެ ފައިސާ އެގޮތަށް ބަހައްޓާފައި ހުންނަނީ ކީއްވެގެން ކަމާއި އެގޮތަށް އެކަންކުރާ ބޭނުން ކައުންސިލްތަކުން ބަޔާން ނުކުރާ ކަމަށާއި މިއީ އެކަންކުރަންޖެހޭ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ މާ ސީރިއަސް ނިޒާމެއް ކަމަށެވެ. އެއީ ރައްޔިތުންނަށް ވަރަށް މުހިއްމު ނިޒާމެއް ކަމަށާއި އެ ނިޒާމުގެ ދަށުން މަސައްކަތް ކުރަން ވާނީ އިހުލާސްތެރިކަމާއި ޒިންމާދާރުކަމާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ، ކޮންމެ ޕާޓީއަކުން ކައުންސިލަަށް އިންތިހާބުވި ނަމަވެސް އެ އޮންނަ ސަރުކާރަކާ އެކު މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ކައުންސިލްތަކަށް ލިބޭ ފައިސާ ޒިންމާދާރުކަމާ އެކު ބޭނުންކުރުމަށް އެދިވަޑައިގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް