
އެންސިސް މިފްކޯއަށް ގަތުމުގެ މަޝްވާރަތައް ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ. މިފްކޯ އަދި އެންސިސްއިން ވެސް އެކަން ކަށަވަރުކޮށްދެ އެވެ.
މިއަދު ނެރުނު ނޫސްބަޔާނެއްގައި އެންސިސްއިން ވަނީ އެފަދަ މަޝްވަރާތަކެއް ކުރިއަށްދާކަން ހާމަކޮށްފަ އެވެ. އެ ކުންފުނިން ބުނީ ކޭނަރީއަކީ އެންމެ ޒަމާނީ ވަސީލަތްތައް ހުރި އެ ކުންފުނީގެ އެންމެ އަގުބޮޑު އިންވެސްޓްމަންޓް ކަމަށެވެ. އެ ކޭނަރީ ގާއިމުކުރީ ޖަރުމަނުގެ ޑިވެލޮޕްމަންޓް ބޭންކާއި ރާއްޖޭގެ ބޭންކުތަކުން ނަގާފައިވާ ލޯނުތަކުގެ އެހީގައި ކަމަށް އެންސިސްއިން ބުންޏެވެ.
ކޭނިން ފެކްޓަރީ ބަންދުކުރަން މަޖުބޫރުވުމުގެ ސަބަބުން ކުންފުންޏަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމަށްޓަކައި ފެކްޓަރީ ވިއްކާލުމަށް ނުވަތަ ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ހިންގުމަށް އެންސިސްއިން މަސައްކަތް ކުރަމުންދާ ކަމާއި އެގޮތުން މިފްކޯގެ އިތުރުން ޗައިނާއާއި ސައުދީ އަރަބިއާގެ ކުންފުނިތަކާ ވެސް މަޝްވަރާކުރާ ކަމަށް އެންސިސްއިން ބުންޏެވެ.
އޭގެ ތެރެއިން، މިފްކޯގެ އުފެއްދުންތެރިކަމާއި ވެލިއު އެޑެޑް އުފެއްދުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން އެންސިސްގެ ކޭނިން ފެކްޓަރީ މިފްކޯގެ ދަށަށް ގެންދިޔުމަށް ދެ ކުންފުނީގެ މެދުގައި މަޝްވަރާތައް ކުރިއަށްދާކަން އެންސިސްއިން ފާހަގަކުރިއެވެ.
ކޭނަރީ ބަންދުކުރިއިރު ޔޫރަޕާއި އެމެރިކާގެ ސުޕަމާކެޓްތަކުގައި ދިވެހި މަހުގެ އުފެއްދުންތައް ވިއްކަމުން ދިޔައީ ދިގު މުއްދަތެއްގެ ކޮންޓްރެކްޓްގެ ދަށުން ކަމަށް އެންސިސްގެ ބަޔާނުގައި ބުންޏެވެ.
އެންސިސް މަސް ފެކްޓަރީއާ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ހަވާލުވުމުގެ ކުރިން މި މުއާމަލާތް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވަނީ ގޮވާލައްވައިފަ އެވެ
ހުޅުމާލެ 1 ގައި 50،000 އަކަފޫޓުގެ ބޮޑު ބިމެއްގައި އެންސިސްގެ ކޭނަރީ ހުޅުވީ 9 ޑިސެމްބަރު 2019 ގައި އެ އަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށެވެ. އެ އިންވެސްޓްމަންޓަށް 385 މިލިއަން ރުފިޔާ ހަރަދުކުރިއިރު، އެއީ 23 އަހަރުވީ އެންސިސް ކުންފުނީގެ އެންމެ ބޮޑު އިންވެސްޓްމަންޓު ވެސް މެ އެވެ.
އެންސިސްގެ ކޭނަރީއަކީ ގާތްގަނޑަކަށް ދުވާލަކު 30 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލް ހުރި ކޭނަރީއެކެވެ. އަދި 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެ ފެކްޓަރީގައި ހުރެ އެވެ.
އެ ކޭނަރީ 2023 ވަނަ އަހަރު ހުއްޓައިލީ މިފްކޯއަށް މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ކުރުމުންނެވެ.
އެންސިސްގެ ކޭނަރީގައި މީގެ ކުރިން 200 މީހުން ވަޒީފާ އަދާ ކުރި އެވެ. މިހާރު އެންސިސް އިން މަސް ޕްރޮސެސް ނުކުރި ނަމަވެސް މަސް އެކްސްޕޯޓު ކުރެ އެވެ. އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރޭގައި ވިއެޓްނާމް، ތައިލެންޑު އަދި މޮރިޝަސް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.