
އެ ސެންޓަރުން ބުނީ "ފްރީ ވައިފައި" ތަކުގެ ނަމުގައި ހޮޓްސްޕޮޓްތައް މެދުވެރިކޮށް ސްކޭމްކުރުމުގެ ހާދިސާތައް ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން ޕަބްލިކް ވައިފައި ސްކޭމްތަކަށް ސަމާލުވުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.
ފުލުހުން މިކަމަށް އިލްތިމާސްކޮށްފައި ދިވެހީން ގިނަ އަދަދަކަށް ގޮސް އުޅޭ ބެންކޮކް އެއާޕޯޓްގައި މެލޭޝިއާގެ ރައްޔިތަކަށް ދިމާވި އެފަދަ ހާދިސާއެެއްގެ ވާހަކަ ކިޔާދެމުންނެވެ.
އެގޮތުން ބެންކޮކްގެ އެއާޕޯޓެއްގައި މެލޭޝިއާގެ އެމީހާ 'ފްރީ އެއާޕޯޓު ވައިފައި' ކަމަށް ބުނެފައިވާ ވައިފައި ހިދުމަތެއް ބޭނުންކުރަނިކޮށް އޭނާގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ސިންގަޕޫރުގެ ޝޮޕިން މޯލްތަކުން ވިޔަފާރިކޮށްފައިވާ ކަމަށް އެ ލިޔުމުގައިވެއެވެ.
އަދި އެ އެއާޕޯޓުން ދިންކަމަށް ބުނާ އެ ވައިފައި ހިދުމަތުން އިތުރު ބަޔަކު ވެސް އެ މަޅީގައި ޖެހި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނުކަމަށް ފުލުހުން ހިއްސާކުރި ލިޔުމުގައިވެއެވެ. އެގޮތުން އެ މީހުންގެ ކްރެޑިޓް ކާޑުން ތަކެތި ގަނެ، ޕާސްޕޯޓު ފޮޓޯއާއި، އެޕްތަކަށް ވަންނަން ބޭނުންކުރާ ޕާސްވޯޑު ފަދަ އެތައް މައުލޫމާތެއް ފޭރިފައިވާކަމަށް އެ ލިޔުމުގައިވެއެވެ.
އާއްމު ތަންތަނުގައި ހިލޭ ވައިފައި ދޫކޮށްފައި ހުރި ނަމަވެސް އެ ބޭނުންކުރާއި އިރު އެއީ ރަސްމީ ވައިފައި ނެޓްވޯކް ނަން ކަށަވަރުކުރުމަށް ފުުލުހުން ވަނީ އެދިފައެވެ. އަދި އެފަދަ ޕަބްލިކް ވައިފައިގައި ބޭންކް އެޕްލިކޭޝަނަށް ވަނުމާއި، އީމެއިލްއަށް ވަނުމާއި، ސެންސިޓިވް މުޢާމަލާތްތައް ނުކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން ވަނީ ފަބްލިކް ވައިފައި ބޭނުންކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅެެއްގެ ގޮތުން އިތުބާރުހުރި ވީޕީއެން ބޭނުންކުރުމަށް އެދިފައެވެ. އަދި ވައިފައި ބޭނުންކުރުމަށް ޒާތީ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެނަމަ އެކަމާއި ވިސްނަންވެސް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.