
އިންޑިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ވީސީއެލް ގްރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓް ރެޒިޑެންސް އަށް ދީފައިވާ ނަމަކީ "ބްލޫ ލެގޫން" އެވެ.
ހުޅުމާލެ 2 ގައި ހަދާ މި އިމާރާތުގެ ޕްރޮޖެކްޓު އިފުތިތާހު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެ ކުންފުނީގެ ޗެއާމަން ވަރިންދާ ގާގް އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރެވެ.
"ބްލޫ ލެގޫން" އަކީ ދެ ޓަވަރެއް ހިމެނޭ ގޮތަށް ހަދާ މި އިމާރާތަކީ ރާއްޖޭގައި ހަދާ މިފަދަ އެންމެ ބޮޑު އެއް އިމާރާތެވެ. މި ތަނުގައި ކޮންމެ ޓަވަރެއްގައި ހަ ލިފްޓު ވެސް ބަހައްޓާނެ އެވެ.
"ބްލޫ ލެގޫން"ގައި ހެދުމަށް ހަމަޖެހިފައި ވަނީ 1،035 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1،280 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1،340 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމަންޓާއި 1،795، 1،825 އަދި 1،875 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓެވެ.
ރަސްމިއްޔާތުގައި ވީސީއެލް ގްރޫޕުގެ ޗެއާމަން ވަރިންދާ ގާގް ވިދާޅުވީ، އެ ކުންފުންޏަކީ އިންޑިއާގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެއްކަމަށެވެ. ވީސީއެލް ގުރޫޕް އުފެއްދީއްސުރެ، އިންޑިއާ އިން ބޭރަށް މަސައްކަތްތައް ފުޅާކުރުމުގެ ތަސައްވުރެއް ގެންގުޅުނު ކަމަށާއި އެ ކުންފުނީގެ ފުރަތަމަ ގްލޯބަލް ޕްރޮޖެކްޓަކީ މޮރިޝަސްގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.