މިއަދު ފެށި މި ޕްރޮގްރާމަކީ ވޯކްފޯސް ހެލްތު އެންޑް ވެލްބީން އާއި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރާމް ފައްޓަވައި ދެއްވީ އެސިސްޓެންޓް ކޮމިޝަނަރު އާސިމް އަބްދުﷲ އެވެ.
ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން އެފަދަ ޕްރޮގްރާމްތައް ސިލްސިލާކޮށް ވޯކްފޯސް ހެލްތު އެންޑް ވެލްބީންގެ ފަރާތުން ކުރިއަށް ގެންދެއެވެ.
ހަކުރު ބައްޔަކީ ހަށިގަނޑުގައި ހުންނަ ބްލަޑް ޝުގާ ލެވެލް ނުވަތަ ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ނުހިފެހެއްޓުމުން ޖެހޭ ބައްޔަކަށް ކިޔާ ނަމެކެވެ. ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވަނީ ޗިސްމޭއިން އިންސިއުލިން އުފައްދާ މިންވަރު މަދުވުމުންނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ކޮންމެ ދުވަހަކު ކެއިންބުއިމުގައި ހަކުރު ހުންނަ ތަކެތި ބޭނުންކުރާ ނަމަ ހަކުރުބަލީގެ ޓައިޕް 2 ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.
ދުނިޔޭގެ 175 ގައުމަކުން އެއްކޮށްފައިވާ ޑޭޓާތަކުން އެނގޭ ގޮތުގައި، އެ ގައުމުތަކުގައި ގިނަ މީހުންނަށް ހަކުރު ބަލި ޖެހިފައި ވަނީ ހަކުރު ހުންނަ ކާބޯތަކެތި އާންމުކޮށް ބޭނުންކުރުމުންނެވެ.
ގިނައިން ހަކުރު ބޭނުންކުރުމުން ހަކުރު ބަލި ޖެހުމުގެ އިތުރުން ބަރުދަން އިތުރުވެ އަދި ހަށިގަނޑުގައި ސަރުބީ ޖަހާ މިންވަރު ވެސް އިތުރުވުމަށް މަގުފަހިވެ އެވެ.