
އީޕީއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެ ތަނުގެ ނަން "އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް މިއަދުން ފެށިގެން ވަނީ ބަދަލުކޮށްފަ އެވެ. އަދި ރައީސް އައްޔަން ކުރައްވާފައިވާ ހާއްސަ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން އައި ތަން ވަނީ ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
އެ ބަދަލާ އެކު، އެ އިދާރާ ދެން ހިންގާނީ ސީދާ މިނިސްޓްރީގެ ދަށުންނެވެ. އަދި އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ހިންގަން އާ މަގާމެއް އުފައްދަން ވަނީ ނިންމައިފަ އެވެ.
އެ ބަދަލުތަކާ ގުޅިގެން ސޯލިހު "އެކްސް" ގައި ވިދާޅުވީ އީޕީއޭއަށް ސަރުކާރުން ގެންނަން އުޅޭ އިސްލާހުތަކަކީ އީޕީއޭގެ ބެލުމުގެ ދަށުން ކަންކަން ކުރުން އެއްކިބާކޮށް، އީޕީއޭއަކީ ބާރެއް ނެތް މުއައްސަސާއަކަށް ހެދުން ކަމަށާއި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
މިއީ ސަރުކާރުން ކަންކަން ކުރާ ގޮތް ބެލުމުގެ ޒިންމާ އަދާކުރާ އަދި ގަވާއިދުތައް ތަންފީޒުކުރާ މުއައްސަސާތައް ނައްތާލައި، ޑިމޮކްރަސީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ހުރި ފިޔަވަޅުތައް ނިކަމެތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
އަދި މިފަދަ ޢަމަލުތަކުން ރާއްޖޭގެ ނާޒުކު ތިމާވެށި އިތުރު ނުރައްކަލަކަށް ހުށަހެޅި، ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސްއެޅިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އީޕީއޭއަކީ ސޯލިހުގެ ވެރިކަމުގައި ވެސް މިނިވަން ކުރާނެ ކަމަށް ވިދާޅުވި އިދާރާއެކެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމުނުއިރު ވެސް އީޕީއޭ ފުރިހަމަ ބާރުތަކާއެކު މިނިވަނެއް ނުވެއެވެ.
އީޕީއޭއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސްއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، "އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ"ގެ ނަމުގައި 18 ޑިސެންބަރު 2008 ގައި ރައީސް އުފައްދަވާފައިވާ އިދާރާއެކެވެ.