
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ އެޖެންޑާކޮށްފައި އޮތީ މީކާއީލް, މިނިސްޓަރު ހަލީލާ ކުރައްވާ ސުވާލެވެ.
މީކާއީލްގެ ސުވާލަކީ ސައޫދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މޭ މަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ޕްރިންސް ފަހަދް ސައުސު އަލްޝަލަން އަކީ ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅެއްތޯ އާއި އެ ބައްދަލުވުމުގައި ސައޫދީގެ އެމްބަސީން ބައިވެރިނުވީ ކީއްވެތޯއާއި، ސައޫދީގެ ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައިވޭތޯ މި ސުވާލުތަކެކެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ ޝާހީ އާއިލާގެ އަންހެން ބޭފުޅެއްގެ ދަރިކަލުން ކަމަށެވެ. އޭނާ ރާއްޖެ ވަޑައިގަތީ އަމިއްލަފުޅު ދަތުރުފުޅެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއަށްފަހު މިނިސްޓަރު ވިދާޅުވަމުން ގެންދެވީ ސައުދީއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށެވެ.
ސައުދި އަރަބިއްޔާގައި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް" މި ލަގަބު ބޭނުން ކުރަނީ ވެރިކަން ވާރުތަވާ ފިރިހެނުންގެ ދަރިކޮޅުގެ ބޭފުޅުންނަށް އެކަންޏެވެ.
އެ ލަގަބު އެގޮތަށް ރައީސް އޮފީހުން އޭނާއާ ނިސްބަތްކޮށް ބޭނުންކުރެއްވި ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެހެންވެ، މީކާއިލް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ ސުވާލަށް ޖަވާބު ލިބިފައިވާކަމަށެވެ.
އޭގެ ފަހުން ވެސް މީކާއީލް އަޑުގަދަކުރައްވަމުން ގެންދެވުމުން، ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގަތުމަށް ފަހު އަބްދުއްރަހީމް ވަނީ މީކާއީލްގެ ނަން އެންމެ ފަހުން އިއްވައިފައެވެ.
މީކާއީލް މި ސުވާލު މިނިސްޓަރު ހަލީލާ ކުރެއްވުމަށް ހުށަހެޅުއްވީ މިދިޔަ ޖޫން މަހުއެވެ. ޖަވާބުދާރީވުމަށް މަޖިލީހުގެ ޖަލްސާއަށް ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް މަޝސައްކަތުގައި ބިޒީކަމަށް ވިދާޅުވެ ހަލީލް އެ ދުވަހު މަޖިލީހަށް ވަޑައެއް ނުގަންނަވައެވެ.
ރައީސް މުއިއްޒާއި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ހަބަރެއް ޝާއިއުކުރީ މެއި މަހުގެ ފަސްވަނަ ދުވަހެވެ. ނަމަވެސް އެއީ ފޭކް ޕްރިންސެއްކަމަށް ބުނެ އެ ވާހަކަތައް އާއްމުވުމުން ރައީސް އޮފީހުން ވަނީ އެ ހަބަރު ވެބްސައިޓުން ނަގާފައެވެ.