
މި ބައްދަލުވުމާ ގުޅޭ ގޮތުން އޭސީސީން ބުނީ އެ ބައްދަލުވުމަކީ ތައާރަފުވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި ދެ މުއައްސަސާއާ ގުޅުންހުރި މައްސަލަތަކުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށްވެސް އޭސީސީން ބުނިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަންކުރީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
އަޝްރަފް މަގާމުން ވަކިކުރީ ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓެއް ލީކުވެފައި ވަނިކޮށެވެ. އެ ރިޕޯޓްގައި ވަނީ ޝުޖާއު ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން ފައިސާ ޖަމާކޮށްދީފައިވާ ގޮތުގެ ތަފްސީލުތަކެވެ.