މަގާމުން ވަކި ކުރީ އެޑްވައިޒަރުންގެ ރޯލުގައި ތިއްބެވި މަރިޔަމް ހުސެއިން ދީދީ އާއި އިދްހާމް ހުސެއިން އާއި މަރިޔަމް ޝިފާ އެވެ. އެ ތިން ބޭފުޅުންނަކީވެސް އެމްއެމްއޭގައި 25 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ.
މި ތިން ބޭފުޅުން ކުރިން ތިއްބެވީ އެސިސްޓެންޓް ގަވަރުނަރުންގެ މަގާމުގައެވެ. އެޑްވައިޒަރުންނަށް ބަދަލުކުރީ އެސިސްޓަންޓް ގަވަރުނަރުންގެ ރޯލު އުވާލުމަށްފަހު އެވެ.
އެޑްވައިޒަރުންގެ މަގާމު އުވުމަށްފަހު އެ ތިން ބޭފުންނަށް ވަނީ ދެ އިހުތިޔާރެއް ދިން ކަމަށް ވެއެވެ.
ފުތަރަމަ އިހްތިޔާރަކީ ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ޅ) ގެ ދަށުން ތިން މަސް ދުވަހަށް ވަޒީފާގައި ދެމިހުރުމާ އެކު، އިތުރު ތިން މަސް ދުވަހުގެ މުސާރާ އާއި އިނާޔާތް ލިބޭ ގޮތަށް ވަޒީފާ އުވިގެން ދިއުމެވެ.
ދެވަނަ އިހްތިޔާރަކީ ވަޒީފާއާ ބެހޭ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސް މުއްދަތުގެ ބަދަލުގައި ހަ މަސް ދުވަހުގެ ފައިސާ އާއި އިނާޔާތްތައް ލިބޭ ގޮތަށް މަގާމު އުވާލުމެވެ.