ads
ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ނުވަ ޖަމިއްޔާއަކުން ގޮވާލައިފި
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ރާއްޖޭގައި މަރުގެ އަދަބު ނުދޭން ބޭރުގެ ނުވަ ޖަމިއްޔާއަކުން އިއްޔެ ގޮވާލައިފި އެވެ.
Advertisement

މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނުގައި ހިމެނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގަވާފަ އެވެ.

އެކަމާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް ހިމެނޭ ގޮތަށް ނުވަ ޖަމިއްޔާއަކުން ނެރުނު ބަޔާނެއްގައި ބުނީ މަރުގެ އަދަބު އެއްވެސް ހާލަތަކާ ގުޅިގެން ދިނުމަކީ އެ ޖަމިއްޔާތަކުން ދެކޮޅު ހަދާކަމެއް ކަމަށާއި މަރުގެ އަދަބު ދިނުމަށް ސަރުކާރާއި މަޖިލީހުން ވެސް ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

މަރުގެ އަދަބު ދިނުމަކީ އިންސާނީ ހައްގުތަކާ ހިލާފު ކަމެއް ކަމަށާއި މަރުގެ އަދަބު ދޭން ހުކުމްކޮށްފައިވާ މީހުންގެ ހުކުމް ލުއިކޮށްދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ބަޔާނުގައި ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް މުޖުތަމައުގެ ހަމަޖެހުމަށް ކަމަށް ބުނެ މަރުގެ އަދަބު ތަންފީޒުކުރުމަކީ މުށްބާރު ހަރުކަށި އުސޫލުތައް ގެންގެޅޭ ގައުމުތަކުގެ ސިޔާސަތުތައް ކުރިއެރުވުން ކަމަށާއި އެއީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސަގާފަތެއް ކުރިއެރުވުން ކަމަށެވެ.

"މަސްތުވާތަކެއްޗާ ދެކޮޅަށް ހަދާ ނަތީޖާ ނެރެވޭ ސިޔާސަތުތަކަކީ ސިއްހަތާއި ހައްގުތަކުގެ މައްޗަށް ބިނާވެފައިވާ، މީހުން މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅެން މެދުވެރިވާ އަސްލު ސަބަބުތަކަށް ދެނެގަނެ، އޭގެ ތެރޭގައި ފަގީރުކަމާއި، ވަޒީފާ ނެތުމާއި އަދި އެކަހެރިކުރުން ހިމެނޭގޮތަށް، ރިއާޔަތްކުރާ ސިޔާސަތުތަކަކަށް ވާންޖެހޭ،" ބަޔާނުގައި ބުންޏެވެ.

ޖަމިއްޔާތަކުން ބުނީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށް މަރުގެ އަދަބު ތައާރަފުކުރުމަކީ މިހާރު ވެސް ކަންބޮޑުވާންޖެހޭ ވަރަށް ހުރި ރާއްޖޭގެ އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރުމުގެ މައްސަލަތައް އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާއިރު އެ ބިލް މިހާރު އޮތީ ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް