ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފަ އެވެ. ބިލުގައިވާ އިސްލާހުގައިވާ ގޮތުން ނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެ އެވެ.
އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ހިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.
އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.
މީގެ އިތުރުން އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ.
ސަރުކާރުން ގެނައި މި އިސްލާހުތަކާ އިދިކޮޅު ފަރާތްތަކުން ވެސް ދެކޮޅެވެ. އަދި އެ އިސްލާހުތަކުގެ މަގުސަދަކީ ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކޮށް، ސަރުކާރުން ކޮންޓްރޯލްކުރާ ބަޔަކަށް ކައުންސިލްތައް ހެދުންކަމަށް ތުހުމަތު ކޮށް އެމްޑީޕީން ވަނީ މި އިސްލާހު ތަސްދީގު ނުކުރުމަށް ގޮވައިލައިފަ އެވެ.
ނަމަވެސް ރައީސް މުއިއްޒު ރޭ ވިދާޅުވީ ލާމަރުކަޒީ ނިޒާމު"އަލިފުން ޔާއަށް" އެނގިވަޑައިގަންނަވާ ކަމަށާއި އެއީ އެ މަނިކުފާނު ގަބޫލުކުރައްވާ ނިޒާމެއް ކަމަށެވެ.
ވެރިކަމަށް ވަޑައިގައިގަތުމުގެ ކުރިން މާލޭ މޭޔަރަކަށް ހުންނެވިއިރު، މާލޭގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ރައީސް ވިދާޅުވި އެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫން ކަމަށް ލޭބަލް ކުރަމުންދާ ކަމަށާއި އެކަން އޮތީ އެހެން ނޫން ކަަމަށް ރައީސް ވިދާޅުވި އެވެ.
މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަހެވެ. އެހެންކަމުން، މި އިސްލާހު ތަސްދީގު ކުރުމާ އެކު، މި ދައުރުގެ ބާކީ މި އޮތް މުއްދަތު ތެރޭ މާލީ ކަންކަމާ ގުޅޭ އެ ތިން ކަމުން ކަމެއް ކުރެވޭނީ ސަރުކާރުގެ ހުއްދައާ އެކު އެވެ.
ބިލުގައި ކައުންސިލަށް ވިޔަފާރި ކުރުމަށް މިހާރު އޮތް ފުޅާ ފުރުސަތު ވަނީ އިސްލާހުގައި ހަނިކޮށްފަ އެވެ. އެގޮތުން، އެ ވިޔަފާރިއެއްގައި ހުންނަން ޖެހޭ މައިގަނޑު ތިން ޝަރުތުތައް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
އެ މަސައްކަތަކީ އެލްޖީއޭން ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން
އެއީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން
އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން
ރައީސް މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރެއްވުމާއެކު، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.
ހިޔާލު ތަފާތުވުން ވަރަށް ބޮޑުވެފައިވާ ލާމަރުކަޒީ ގާނޫނަށް މި ފަހަރު މިގެނައި އިސްލާހުތައް ރައީސް ތަސްދީގުކުރައްވާފައިވާއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީ އިސްލާހްކޮށް އަތޮޅުތަކުގެ ހިންގުން މިހާރަށްވުރެ ވަރުގަދަކޮށް އަތޮޅުގެ ވަސީލަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. އެގޮތުން އެދޭ ރާއްޖެ ކަރުދާހުގައި ބުނާ އަތޮޅު ހިންގުމަކީ...
މައްސަލަ:
ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރަމުންދަނީ މައި ސަރުކާރުންނެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުންކުރާ ކަމުގެ ޝަކުވާ ކުރެވެއެވެ. މިގޮތަށް ދައުލަތުގެ މާލީ އަދި ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.
'އެދޭ ރާއްޖެ' ހުށަހެޅުން:
އަތޮޅު ހިންގުމަކީ ގާނޫނު އަސާސީން ބާރު ލިބިގެން ގައުމީ ތަސައްވަރު ހާސިލު ކދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅު ތަރައްގީކޮށް ހިންގުމަށް އަތޮޅުތަކުގައި ގާއިމު ކުރާ ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅައި، ވީހާވެސް ހަމަހަމަކޮށް ދައުލަތުގެ ހިދުމަތްތަކާ ތަރައްގީ ވާސިލުކޮށް، ތަރައްގީގެ ދުވެލި އަވަސްކޮށް، ވީހާވެސް ގިނަ ރައްޔިތުން ތަރައްގީގެ ކަންކަމުގައި ބައިވެރި ކުރުވުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.
ނަތީޖާ:
ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލައި، އެކަށޭނަ ވަސީލަތް ގާނޫނުއަސާސީ މެދުވެރިކޮށް ދީފިނަމަ ތަރައްގީގެ ކަންކަމުގައި ގިނަ ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ކުރެވި، ގައުމީ ތަރައްގީގެ ކަންކަމަކީ އޭރަކު އޮންނަ ސަރުކާރަކުން ކުއްލި ކުއްލިއަށް ހިންގާ މަޝްރޫއުތަކަކަށް ވުމުގެ ބަދަލުގައި ދުރާލާ ރޭވިގެން، ދިގު ރާސްތާގެ ތަސައްވުރަކާއެކު ހިންގާ މަޝްރޫއުތަކަށްވެ، މާލެ ސަރަހައްދަށް ތޮއްޖެހުން ކުޑަ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ދުވެލި ހަލުވި ވެގެންދާނެ އެވެ.
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.