އޮފްޝޯ މާލީ ހިދުމަތްތަކުގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ އިސްކަންދަރަކީ މި ދާއިރާގެ ގާނޫނީ އަދި ހިންގުމުގެ މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މިއީ މި ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް އެ އިދާރާއިން ދެކެއެވެ.
އިސްކަންދަރު ވަނީ 1990 ވަނަ އަހަރު ބޭންކް ނެގާރާ މެލޭޝިއާގައި ވަޒީފާ އަދާކުރައްވަން ފައްޓަވައި، އޭގެ ފަހުން ލަބުއާން ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފެއްދުމުގައި 1996 ވަނަ އަހަރު އިސް ދައުރެއް އަދާކުރައްވާފައެވެ. އެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން، ގާނޫނީ، ސިޔާސަތު އަދި ހިއުމަން ރިސޯސަސް ފަދަ މުހިންމު ޑިޕާޓްމަންޓްތައް ބެލެހެއްޓެވުމުގެ އިތުރުން، މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް އޭނާ ހުންނެވީ ލަބުއާން އައިބީއެފްސީ ބަރހާދްގެ އެގްޒެކެޓިވް ޗެއާމަންގެ ގޮތުގައެވެ. މީގެ އިތުރުން އޭނާއަކީ ސާޓިފައިޑް ފައިނޭންޝަލް އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ، ގާނޫނީ ދާއިރާއިންނާއި ވިޔަފާރި ހިންގުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އިސްކަންދަރު ވިދާޅުވީ، ޒަމާނީ މާލީ މަރުކަޒެއް ތަރައްގީކުރުމަށް ސަރުކާރުން ދެއްވާ ހާއްސަ ސަމާލުކަމުގެ ސަބަބުން އިންޓަނޭޝަނަލް މާލީ ދާއިރާގައި ވާދަވެރި ގައުމެއްގެ ގޮތުގައި ރާއްޖެ ގާއިމުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު" (އެމްއައިއެފްސީ) ތަރައްގީކޮށް ހިންގުމުގެ މައިގަނޑު ޒިންމާ އަދާކުރާނީ މިފްސާއިންނެވެ. މި މަޝްރޫއު މެދުވެރިކޮށް ފިންޓެކްގެ އީޖާދުތަކާއި އިންވެސްޓަރުން ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.