
ޝަހީމް މިހެން ވިދާޅުވީ، ޝަހީމްގެ ދަރިކަލުން އަބްދުالله މާހިލް ޝަހީމް ރާއްޖެއަށް އައިއިރު، ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުމުން ކަސްޓަމްސްއިން ހިފެހެއްޓި ކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އެކްސްގައި ޝަހީމް ވިދާޅުވީ، ގައިގައި ބަނދެގެން ވޭޕް ސާމާނު އެތެރެކުރި ކަމަށް ބުނެ ހަގީގަތާ ހިލާފަށް ވާހަކަތައް ފެތުރުމަކީ ދެރަކަމެއް ކަމަށެވެ. އަދި މާހިލްއަކީ މެލޭޝިޔާ އެމްބަސީގައި ވަޒީފާގައި ހުންނަ މީހެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމްގެ ދަރިކަލުން މާހިލްއަކީ ރައީސް މުހައްމަދު މުއިއްޒަށް ލަފާ އަރުވާ ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރެކެވެ. މާހިލް އަކީ މެލޭޝިޔާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ތާޑް ސެކްރެޓަރީގެ މަގާމުގައި ހުންނަވާ ބޭފުޅެއް ކަމަށް މީޑިއާގައިވަނީ ހަބަރު ފެތުރިފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވޭޕް ކުރާ ސާމާނު ފެނުނީ މާހިލް ރާއްޖެއަށް އައިއިރު ގެނައި ލަގެޖާއި ހަށިގަނޑުންނެވެ. ވަރަށް ގިނަ އަދަދެއްގެ ވޭޕު ސާމާނު މާހިލްގެ ހަށިގަނޑުގައި ބަނދެފައި ވެސް ހުރި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.