
މާލޭގައި، މި ހަރަކާތް އޮތީ މާފަންނު ސްޓޭޑިއަމްގައެވެ. "ގައުމީ ބޮޑު ހަރަކާތް" ގެ ނަމުގައި ބޭއްވި އެ ހަރަކާތް އަތޮޅުތެރޭގައިވެސް ކުރިއަށް ދިޔައެވެ. މި އެއްވުންތަކުގައި ގިނަ ބަޔަކު ބައިވެރިވެ އިޒްރޭލުގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލި އެވެ.
މާލޭގައި މި ހަރަކާތުގައި ކެބިނެޓްގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީން އިސްވެތިބެ ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެހެނިހެން ފަރާތްތައް އެކުވެ ކުރިއަށް ގެންދިޔަ މި އެއްވުމުގައި ރާއްޖެއިންވަނީ ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ޣައްޒާއަށް އެހީފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކުރުމަށާއި މިނިވަން މުސްތަގިއްލު ފަލަސްޠީނެއް ގާއިމުކުރުމަށްވެސް މި އެއްވުމުގައި ވަނީ ގޮވާލާފައެވެ.
ރާއްޖެއަކީ ފަލަސްތީނުގެ ހައްގުގައި އެންމެ ފާޅުކަން ބޮޑުކޮށް ވަކާލާތުކުރާ ގައުމެވެ. ބައިނަލްއަގްވާމީ އެކި ކޮންފަރެންސްތަކާއި، އދ. އާއި އެ ނޫން ވެސް މުހިންމު ތަންތަނުގައި އަބަދުވެސް ރާއްޖެއިން ވަކާލާތުކުރަމުން އަންނަނީ ފަލަސްތީނުގެ ހައްގުގައެވެ.