
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހު ހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ އޮގަސްޓު 7 އާ ހަމައަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 173.1 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 355.1 މިލިއަން ރުފިޔާއާ އަޅާބަލާއިރު 182 މިލިއަން ރުފިޔާގެ ވެއްޓުމެކެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައި ވީނަމަވެސް، މިހާތަނަށް ލިބިފައިވާ 173 މިލިއަން ރުފިޔާއަކީ އަންދާޒާކުރި މިންވަރުގެ ކުޑަ ބައެކެވެ. އަންދާޒާކުރި މިންވަރަށް ހިލޭ އެހީ ހޯދުމަށްޓަކައި ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި 2.4 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެއެވެ. އެއީ މަހަކަށް 600 މިލިއަނެއްހާ ރުފިޔާއެވެ.
މިއާއެކު، މާލީ ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ އޮގަސްޓު 7 އާ ހަމައަށް ދަރަނި ދެއްކުމަށް ޖުމުލަ 3.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.3 ބިލިއަނުގެ އިތުރުވުމެކެވެ. ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ހިލޭ އެހީ އަންދާޒާކުރި މިންވަރަށް ނުލިބުމަކީ ދައުލަތަށް ކުރިމަތިވެފައިވާ އިތުރު ގޮންޖެހުމެކެވެ.