
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އުވާލާ އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ނަމުގައި ތަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދީ މިމަހުގެ 12 ވަނަދުވަހުއެވެ. އަދި އެ އޮތޯރިޓީ ހިންގާނީ ޓޫރިޒަމް މިނިސްޓްރީގެ ޑިޕާޓްމަންޓެއްގެ ގޮތުގައިކަމަށް ވަނީ ރައީސް މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.
ސިވިލް ސާވިސް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަލަށް އުފައްދި އެންވަޔަރަންމަންޓަލް ރެޖިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެޑްމިނިސްޓްރޭޓަރގެ މަގާމަށް މީހަކު ހަމަޖެއްސުމަށްޓަކައި، އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ އެ މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500.00 ރުފިޔާކަމަށެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 ރުފިޔާ ލިބޭނެކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.
މި މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ކަމާއި ގުޅޭ ލިޔުންތައް މިމަހުގެ 26 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުމަށް އެ ކޮމިޝަނުން އެދެއެވެ.
އީޕީއޭ އުވާލައި އެތަނުގެ ބާރުތައް ކުޑަކޮށް ގެނައި ބަދަލާ ގުޅޭ ގޮތުން ތިމާވެށީގެ ދާއިރާގެ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އީޕީއޭއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސްއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، "އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ"ގެ ނަމުގައި 18 ޑިސެންބަރު 2008 ގައި ރައީސް އުފައްދަވާފައިވާ އިދާރާއެކެވެ.