ads
ގެމަނަފުށީ މަސްވެރިން މަސްވެރިކަން ކުރަނީ: - ފޮޓޯ:ގެމަނަފުށީ މަސްވެރިން
މަސްވެރިކަމަށް ޝައުގުވެރިކަން ޕްރޮގްރާމެއް، އެލަވަންސް ލިބޭނެ
ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމްގެ ބޭނުމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމުގެ ދާއިރާއާއި ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށްޓަކައި ބޭނުންވާ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހި ކޮށްދިނުކަމަށެވެ. 

މިތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށްކަމަށާއި  މިތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. 

މިތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ 5 ޒުވާނެކަށްކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު އައިޑީ ކާޑުގެ ކޮޕީއާއެކު [email protected]  އީމެއިލު ކުރުމަށް  މިނިސްޓްރީން އެދެއެވެ.

" މިއީ ވާލްޑު ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން 3 މަސް ދުވަހުގެ މުއްދަތަށް ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ." މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ. މިގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް