
މަޖިލީހަށް މިފަހަރުވެސް މިބިލް ހުށަހެޅުއްވީ މީގެކުރިންވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް މަޖިލީހުގައި ހަންނާން މަސައްކަތް ކުރައްވަނީ ސަރުކާރާ ގުޅިގެންނެވެ.
މިފަހަރު ބިލް ހުށަހަޅާފައިވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މިހާރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލުމަށްފަހު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ކޮމިޝަނެއް އުފައްދަންޖެހޭ ގޮތަށެވެ. ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ނޫސްތައް ރަޖިސްޓަރީ ކުރުމާއި ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލުމާއި ނޫސްތަކުގެ ސުލޫކު ކަނޑައެޅުމާއި މީޑިއާ މޮނީޓާ ކުރުމާއި ބްރޯޑްކާސްޓު ކުރުމަށް ލައިސަންސް ދޫކުރުން ހިމެނެ އެވެ.
އަލަށް އުފައްދާ ކޮމިޝަންގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނާއި އަދި ކޮމިޝަންގެ ރައީސް އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ބާކީ ތިން މެންބަރުން ކޮމިޝަނަށް ހޮވަނީ ރަޖިސްޓަރީ ކުރިތާ ފަސް އަހަރުވެފައިވާ މީޑިއާތަކުން ވޯޓު ދީގެންނެވެ.
ބިލްގައިވާ ގޮތުން އެއްލައްކަ ރުފިޔާއާ ހަމައަށް ނޫހެއް ޖޫރިމަނާކުރުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް ލިބެ އެވެ. އަދި ނޫހެއްގެ މައްސަލައެއް ބަލަމުން ދަނިކޮށް އެ ނޫހެއްގެ ރަޖިސްޓަރީ ވަގުތީ ގޮތުން ހިފެހެއްޓުމާއި ކޯޓަށް ގޮސްގެން ރަޖިސްޓަރީ ބާތިލްކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ. އަދި ނިއުސް ވެބްސައިޓެއް ބްލޮކް ކުރުމާއި ޓީވީގެ ބްރޯޑްކާސްޓް ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.
ބިލްގައިވާ ގޮތުން އަލަށް އުފައްދާ ކޮމިޝަނަށް ބެލޭނީ ބިލް ތަސްދީގު ކުރާ ދުވަހުގެ ކުރިއަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ނުވާ މައްސަލަތަކާއި ތަސްދީގު ކުރާ ފަހުން ހުށަހަޅާ މައްސަލަތަކެވެ. އާ ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ވަގުތީ ގޮތުން ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
އެ ބިލާ ދެކޮޅަށް ހަމަހިމޭން އިހުތިޖާޖެއް ކުރުމަށް, މަޖިލީހުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ގިނަ ނޫސްވެރިންތަކެއް މަޖިލީހުގެ ގެލަރީގައި މިއަދު ތިއްބެވެ. އެ ބިލަށް ބަހުސް ކުރަމުންދިޔައިރު ބައެއް ނޫސްވެރިން ޕޯސްޓަރުތަކެއް ހިފަހައްޓައިގެން ތިބިއިރު، އަނެއްބައި ނޫސްވެރިން ތިބީ އަނގަ މަތީގައި އަތް އަޅައިގެންނެވެ.
ނޫސްވެރިން އެދެނީ ނޫސްވެރިން ތަމްސީލްކުރާ މެންބަރުން ތިބޭ ކޮމިޝަނަކުން "ސެލްފް ރެގިއުލޭޓަރީ" އުސޫލުތަކެއް މީޑިއާތައް ރެގިއުލޭޓްކުރުމަށް އޮތުމަށެވެ.
މި ބިލް އަނބުރާ ގެންދިއުމަށް ގޮވާލާ އެމްޖޭއޭ އިން މިއަދު ނޫސްބަޔާނެއް ވެސް ނެރުނެވެ. އޭގައި ބުނެފައިވަނީ މިއީ ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެން ދާނޭ ބިލެއް ކަމަށެވެ.