
ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި އޭނާ ހައްޔަރު ކުރީ ކޮލަމްބޯގައި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށް ހާޒިރުވުމަށް ފަހު ކަމަށް އެ ނޫސްތަކުން ބުނެ އެވެ.
ރަނިލް ހައްޔަރުކުރީ އިނގިރޭސި ވިލާތުގެ ޔުނިވަސިޓީއެއްގައި އޮތް އޭނާގެ އަނބިކަނބަލުންގެ ގްރެޖުއޭޝަން ހަފްލާއަށް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ދަތުރަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ހާޒިރުކުރުމަށް ފަހުގަ އެވެ. ވެރިކަމުގައި ހުންނެވި އިރު ލަންޑަނަށް ކުރެއްވި އެ ދަތުރަކީ އަމިއްލަ ދަތުރެއް ނަމަވެސް ދައުލަތުގެ ފައިސާ އެކަމަށް ބޭނުންކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އިންވެސްޓިގޭޓަރުން ތުހުމަތުކުރާ ގޮތުގައި ގައުމުން ބޭރުގެ އެކި ތަންތަނަށް ކުރެއްވި ދަތުރެއްގެ ތެރެއިން ލަންޑަނަށް ކުރެއްވި ދަތުރުގައި ރަސްމީ އެއްވެސް މަސައްކަތެއް ނެތެވެ. އަދި އެ ދަތުރަށް ހަރަދުކުރީ ދައުލަތުގެ ފައިސާ ކަމަށް ބުނެފައިވެ އެވެ.
ރަަނިލް ވަނީ 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ވެރިކަން ކުރައްވައިފަ އެވެ. އަދި އޭނާއަކީ ސްރީލަންކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މި ފަހުން ހައްޔަރު ކުރި އެންމެ މަތީ ސިޔާސީ ޝަހުސިއްޔަތެވެ.
ލަންކާގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރުން އަންނަނީ އެ ގައުމުގައި ހިންގާފައި ހުރި ހިޔާނާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންނެވެ.