ފުލުހުން ކުރި އިއުލާނެއްގައި ބުނީ އެ ހިދުމަތުން ދޭ މައުލޫމާތާ އެއްގޮތަށް 36 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ގާއިމުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޓަކައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަމުން އަންނަ ކަމަށެވެ.
އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވާން ފުލުހުން ވަނީ އެދިފަ އެވެ. ފުލުހުން ބުނީ ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 12:00 ކަމަށެވެ.
ރަޖިސްޓްރޭޝަން ފުރިހަމަކުރުމުން ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މައުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މަޝްރޫއާ ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ މާދަމާ މެންދުރުފަހު 12:00 ގެ ކުރިން ފުލުހުންގެ ޕްރޮކިއުމަންޓް މެއިލް، [email protected] އަށް މެއިލްކުރަން ވަނީ އެދިފަ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމެވެ. އެހެންވެ އެ މަސައްކަތުގެ ދަށުން އެކި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމު ކުރަން އަންނަނީ މަޝްރޫއެެއް ކުރިއަށް ގެންދަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި އަންނަނީ ރަށްރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް އަޅަމުންނެވެ.