ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ހދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން އަންނަ ދަތުރުފުުގައި ރޭ ހަނިމާދޫއަށް ވަޑައިގެން އެރަށޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޑިއާގެ ކްރެޑިޓްލައިނުގެ ދަށުން ތަރައްގީކުރަމުން އަންނަ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް މި ނިމުނު ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވީ ހަނިމާދޫ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއާޕޯޓްގެ މަސައްކަތް ދަނީ ވަރަށް އަވަސް ސްޕީޑުގައިކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު ކުރިޔަށްދަނީ ޒަމާނީ ފެންވަރަށް ގިނަ ވަސީލަތައް ގާއިމުކުރުންކަމަށެވެ. އަދި އެންމެ ލަސްވެގެން އެ ހުރިހާ ހިދުމަތަކާއެކު ނޮވެމްބަރު މަހު ހަމިނާދޫ އެއާޕޯޓް ބޭނުންކުރަން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން މާލޭ އެއާޕޯޓް ގޮތަށް ހަނިމާދޫ އެއާޕޯޓުން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއާޕޯޓް ހުޅުވޭއިރު، ހަނިމާދޫގައި ޕާސްޕޯޓުގެ ހިދުމަތާއި އައިޑީކާޑު ޕްރިންޓުކުރުމުގެ ހިދުމަތްވެސް ހަމަޖައްސާދޭނެކަމަށެވެ.
މިދިޔަ ސަރުކާރުން ފެށި މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މި މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހަދާނެއެވެ.
،ހަނިމާދޫ އެއާޕޯޓް ނިމުމުން އެތަނުން އޭ320 އަދި ބޮއިންގް 737 މަރުކާގެ ފްލައިޓްތަކަށް ހިދުމަތް ދެވޭނެއެވެ. ހަނިމާދޫ އާ އެއާޕޯޓްގައި އެއްފަހަރާ ނުވަ ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ހަދާފައެވެ.. އެއީ ތިން އެއާބަސް އާއި ހަ އޭޓީއާރް މަތިންދާ ބޯޓަށް އެއްފަހަރާ ޕާކުކުރެވޭނެ ޖާގައެވެ. އަތޮޅުތަކުގެ އެއާޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ހުންނާނީ ހަނިމާދޫ އެއާޕޯޓްގައެވެ.
ހަނިމާދޫ އިންޓަރނޭޝަން އެއާޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.