
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ސައުދީގައި ހާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދެއްވި ތަގުރީރުގައި، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި އިޒްރޭލުން ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުމުގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވި އެވެ.
އަދި މުޅި ޣައްޒާ، އިޒްރޭލުގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތަކީ، ޣައްޒާގެ ރައްޔިތުން އެ މީހުންގެ ބިމުން ފޭބުމަށް މަޖުބޫރުކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި، މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއްކަމުގައި ހަލީލް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ހަލީލު ވަނީ އިސްރާއީލުން ފަލަސްތީނުގައި ހުއްޓުމެއްނެތި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވައި އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތް ކުރެވިފައިވާ ނުވާކަން ފާހަގަކޮށް އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވި އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްޤު ހޯދައިދިނުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ގައުމުތަކުން ބަލައިގަތުމަށްޓަކައި ރާއްޖެއިން ބައިނަލްއަގްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާނެކަމުގައި ވިދާޅުވި އެވެ.
އަދި ފަލަސްތީނު މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމްކުރުމަށް ޒަރޫރީ ކަމެއްކަމަށާއި އަދި މި މަގްސަދު ހާސިލްކުރުމަށް އޯ.އައި.ސީ.ގެ ހުރިހާ ގައުމުތަކުން އެކުގައި މަސައްކަތްކުރުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.
އިޒްރޭލުން ގާޒާގައި ހިންގި ގަތުލްއާންމުގައި 60،913 މީހުން މަރާލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި 210،750 މީހުންނަށް ޒަހަމްވެގެން ފަރުވާ ދީފައިވެ އެވެ.
ހަމާސްއިން 7 އޮކްޓޯބަރު 2023 ގައި އިޒްރޭލަށް ދިން ހަމަލާގައި 1،139 މަރާލިއިރު، 200 އަށްވުރެ ގިނަ މީހުން އެ ޖަމާއަތުން ވަނީ ރަހީނު ކޮށްގެން ގެންގޮސްފަ އެވެ.