
ރައީސް ޑރ. މުއިއްޒު
އދ ގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް ރައީސްގެ މަރުހަބާ
ގުފްތަގް އަޖީރު
25 އޯގަސްޓް 2025 - 22:55:11
އދ ގެ ހިއުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްއާރުސީ)ގެ ނައިބު ރައީސްގެ މަގާމަށް ދިވެހިރާއްޖެ އިންތިހާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
މި ކާމިޔާބީއާއެކު 2025 ވަނަ އަހަރުގެ ބާކީ އޮތް މުއްދަތަށް، އޭޝިއާ-ޕެސިފިކް ގްރޫޕް ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ރާއްޖެއިން އަދާކުރާނެއެވެ.
ރައީސް ވިދާޅުވީ މި ކާމިޔާބީއާއެކު، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ރާއްޖެއިން ވެފައިވާ ވަައުދުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި އަދުލުއިންސާފާއި ހަމަހަމަކަން ގާއިމްކޮށް، އެންމެންނަށް ހިމާޔަތްތެރި، އިންސާފުވެރި ދުނިޔެއެއް ބިނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ރާއްޖެއަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި އިންސާނީ ހައްގުތަކުގެ ދާއިރާގައި، ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ވަކާލާތުކުރުމުގެ ރާއްޖޭގެ ތާރީހު ރައީސް ފާހަގަކުރެއްވިއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް