ads
މީޑިއާ ފެންޑާ ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވުން
މީޑިއާ ބިލް އިސްލާހު ކުރަން ދަންނަވައިފިން: ރައީސް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލް އެމަނިކުފާނުގެ ކޮންޓްރޯލް އޮންނަ ގޮތަށް ފާސް ނުކުރަން ޕީއެންސީ ތަމްސީލް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި މީޑިއާ ކޮމިޝަންގެ ބިލާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަށް އެ ބިލް އެކުލަވައިލަން ބޭނުންފުޅު ނުވާ ކަމަށެވެ.

ނޫސްވެރިކަން ރެގިއުލޭޓް ކުރުމާ އެކު، ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބިލްގައިވާ ގޮތުން، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން އައްޔަން ކުރުމުގެ ބާރު ލިބެނީ ރައީސަށެވެ. ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ އެ ބިލުގައިވާ ގޮތުން ރައީސެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި މިހާރު އަމިއްލަ މެންބަރަކު އެބަ އޮތް މީޑިއާ ބެހޭ ބިލެއް ހުށަހަޅާފައި، ސަރުކާރުގެ ޕާޓީގެ މެންބަރުންނަށް އަަޅުގަނޑު މިހާރު ވާނީ ދަންނަވާފައި އަޅުގަނޑުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް މިކަން ކުރާކަށް ބޭނުމެއް ނޫނޭ، އެ ބިލްގައި ހުށަހަޅާފައި އެބަ އޮވޭ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރެކޭ އެ ބިލް ފާސްވެގެން ގާނޫނަކަށް ވަންޏާ، ވައިރުގައި އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ. މިގޮތަށް އަޅުގަނޑެއް މިކަމެއް ނުކުރާނަން، އަޅުގަނޑު މިހާރު ދަންނަވާފައި ވާނީ، އެ އިސްލާހް ކުރާ މަރުހަލާއަކަށް ގޮސްފިނަމަ އިސްލާހް ކުރާއިރުގައި އެ އުފެދޭ ކޮމިޝަންގެ ތެރެއިން ކޮމިޝަނުން ވޯޓުލައިގެން ނަގާ މީހެކޭ ރައީސަކަށް ވާނީ،". އެ ކޮމިޝަންގެ ހަތް މެންބަރުންގެ ތެރެއިން ރައީސް ނަގަން ބޭނުންވަނީ އެ ހަތް މީހުންގެ ތެެރެއިން ވޯޓުލައިގެންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެއްވެސް ވަރަކަށް މީޑިއާއަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި މީޑިއާ ވާން ޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓް ކުރެވޭނެ ބަޔަކަށް ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ހަންނާން ހުށަހެޅުއްވި މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެ އެވެ.

މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އެހެންވެ، މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން ވަނީ އެ ގާނޫނު އަނބުރާ ގެންދަން ގޮވާލާފަ އެވެ.

އެ ބިލަށް ތާއިދުކޮށް މަޖިލީހުގެ ޕީއެންސީގެ މެންބަރުން ވާހަކަދައްކަވައިފައިވާއިރު، ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެ ބިލާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރެވި، މިޑިއާތައް ބާރުވެރިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ބިލު ހުށަހެޅީ، އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅި އަމިއްލަ މެންބަރު ކަމަށްވީ ނަމަވެސް، ބިލުގެ އަޑީގައި ވަނީ ސަރުކާރު ކަމަށް އިދިކޮޅާއި މީޑިއާ ޖަމިއްޔާތަކުން ވެސް ތުހުމަތުކުރެ ވެއެވެ. އެ ތުހުމަތުކޮށްފައިވަނިކޮށް، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަނީ ބިލުގެ ދިރާސާގައި ބައިވެރިވެވަޑައިގަތް ކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅާއި މީޑިއާތަކުގެ ހައްގުތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އެ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް