
ޔޫތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް ފުރުސަތު 28 އޮގަސްޓުން ފެށިގެން ހުޅުވާލެފައިވާ ކަމަށާއި އެހީތެރިކަމަށް އެދުމަށް 30 ދުވަހުގެ މުއްދަތެއް ލިބިގެން ދާނެ ކަމަށެވެ.
އެގޮތުން 28 އޮގަސްޓުން ފެށިގެން ސެޕްޓެމްބަރު މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ 2 ގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ.
އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވަންގަވްގެ ތެރޭގައި ގާއިމް ކުރެވިފައިވާ މީޑިއާ އެޕް އިން ކަމަށް އެ ވުޒާރާއިން ކުރި އިއުލާނުގައިވެ އެވެ.
މީޑިއާތައް ބާރުވެރިވެ މާލީ މިނިވަންކަން ލިބި ނުފޫޒުން އެއްކިވާބެފައި ވާ ޒިންމާދާރު މީޑިއާއެއް ހިނގަމުން ދިޔުމަށް ކަމަށް ވާއިރު، ދައުލަތުގެ ބަޖެޓުން ކަނޑައަޅާ މިދެވޭ މާލީ އެހީތެރިން ދިނުމަށް އެކަށައެޅި އުޞޫލު ވަނީ ކުރިން ގެޒެޓް ކުރެވިފައި އެވެ.
މި އުސޫލުގެ ދަށުން މާލީ އެހީތެރިކަމަށް އެދެވޭނެ މީޑިއާތަކާއި، އެހީއަށް އެދުމަށްޓަކައި ހުށަހަޅަން ޖެހޭނެ ލިޔެކިޔުންތަކާއި ތަފްޞީލުތައް ހިމަނާފައި ވާ އިރު، އެހީ ލިބޭ ފަރާތްތަކަށް ލިބޭ ޖުމްލަ މާކްސް ނުވަތަ ޕޮއިންޓް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެ ކަމަށާއި އެ މީޑިއާއަކަށް ލިބޭ މާލީ އެހީގެ ތަފްޞީލާއި، އެހީ ލިބޭ މީޑިއާއަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ލިބިގެން ދާނެކަމަށް އެ ވުޒާރާއިން ބުނެ އެވެ.
އަދި ޝަކުވާ ބަލައި ޖަވާބުދާރީ ވުމުގެ ހުރިހާ މަރުހަލާ އަކާއި އެހީއަށް އެދި ހުށަހަޅާ ފަރާތުން މުރާޖައާ ކުރަން އެދޭނަމަ އެ މަރުހަލާގެ ހުރިހާ މުއާމަލާތެއްވެސް ޕޯޓަލްގެ ތެރެއިން ކުރެވެން ހުންނާނެ ކަމަށް ޔޫތް މިނިސްޓްރީން ފާހަގަކުރެ އެެވެ.
މީގެ އިތުރުން އެހީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރިއަށް ދާގޮތްވެސް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.