މީޑިއާ ބިލާ ގުޅޭގޮތުން މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސަށް ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ އެމްޑީޕީން މީޑިއާތަކަށް ކުރި އަނިޔާތަކުގެ ސަބަބުން މިއަދު އެ ބިލުގެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އެ ޕާޓީއަށް ލިބިގެން ނުވާ ކަމަށެވެ.
ފަލާހް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ނޫސްތަކާއި ސޯޝަލް މީޑިއާގައި ލިޔުނު މީހުން ހިފާ ޖަލަށްލައި، އެ ފަރާތްތަކަށް އެކި ގޮތްގޮތުން އަނިޔާކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރަކީ މީޑިއާތަކަށް މިނިވަންކަން ދީގެން މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މީޑިއާގެ މިނިވަންކަމަށް އިހުތިރާމްކުރައްވާ ވެރިއެއް ކަމަށްވެސް ފަލާހް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަކީ ގަމާރު ބައެއް ކަމަށް ދެކޭ ކަމަށާއި ސަރުކާރަށް އޮތް ތާއީދު އެ ޕާޓީގެ މެންބަރުންނަށް ހަޖަމުނުކުރެވޭ ކަމަށެވެ. ރައީސް މުއިއްޒު ކުޑަ އާބާދީގެ ރަށަކަށް ވަޑައިގަތުމުންވެސް އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ނިކުންނަ ކަމީ އެކަމުގެ ހެއްކެއް ކަމަށް ފަލާހް ފާހަގަކުރެއްވި އެވެ.