އުތުރުގެ ވިޔަފާރިތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ މި ނިންމުން އިއުލާން ކުރެއްވީ، ކުޅުދުއްފުށި ޕޯޓުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ބަދަލާއެކު، ސަރަހައްދީ ވިޔަފާރިވެރިންނަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ކުޅުދުއްފުށި ޕޯޓު ތަރައްގީކުރަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭނުންކުރާ "ފްރީ ޒޯން" ނުވަތަ "ޑިއުޓީ ފްރީ ޒޯން" ގެ ކޮންސެޕްޓަށް ކަމަށެވެ. މިއީ ރާއްޖޭގައި އެފަދަ ކޮންސެޕްޓެއްގެ ފެށުން ކަމަށާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ޕޯޓަށް ގެނެވުނު އާ ހިދުމަތްތަކުގެ ތެރޭގައި، ޑްރައި ގުޑްސް، ފްރޯޒަން ގުޑްސް، އަދި ޖެނެރަލް ކާގޯ އާއި ބަލްކް ކާގޯ ރައްކާތެރިކަމާއެކު ރައްކާކުރުމުގެ ވަސީލަތްތައް މިހާރު ވަނީ ގާއިމުކުރެވިފައެވެ.
މިނިސްޓަރު ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ނިންމުމުގެ ސަބަބުން ވިޔަފާރިތަކުގެ ކޭޝްފްލޯއަށް ހެޔޮ ބަދަލުތަކެއް އައިސް، އެހެން ކަންކަމަށް ފައިސާ ހަރަދުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން، ސަރުކާރުން ދަނީ ތަކެތީގެ އަގު ހެޔޮކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން، އަސާސީ މުދަލުގެ އަގުތައް ބެލެހެއްޓުމަށް ހާއްސަ އިންޑެކްސްއެއް ގާއިމުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.