
މި ބިލަކީ، މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ސަރުކާރުން މި ބިލް ހުށަހެޅީ ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަމީޑިއަރީންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސް ދިނުމާގުޅޭ އުސޫލުތަކާއި އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާގުޅޭ އުސޫލުތަކާއި އެނޫންވެސް އިންޝުއަރެންސް ވިޔަފާރިއާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ގާއިމުކުރުމަށެވެ.
އިންޝުއަރެންސް ވިޔަފާރިކުރުމާގުޅޭ އާންމު ހަމަތަކާއި، އިންޝުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސާގުޅޭ ކަންކަން މި ބިލުގައި ވަނީ ހިމަނާފަ އެވެ. އަދި އިންޝުއަރެންސް ކުންފުނީގެ މެނޭޖްމަންޓް އޮންނަންވީ ގޮތާއި، ހަރުދަނާ އަދި ރައްކާތެރި ގޮތުގައި އިންޝުއަރަންސް ވިޔަފާރި ހިންގުމާގުޅޭ އުސޫލުތައްވެސް މި ބިލުގައި ހިމަނާފައިވެ އެވެ.
ބިލުގައި ހިމެނޭ އިތުރު ކަންކަމުގެ ތެރޭގައި އިންޝުއަރެންސް ހިދުމަތް ދިނުމުގެ އުސޫލުތަކާއި ހަމަތައް ބަޔާންކުރުމާއި އިންޝުއަރެންސް އިންޓަމީޑިއަރީންއާ ގުޅުންހުރި އުސޫލުތައް ހިމެނެ އެވެ. ހަމަމިއާއެކު ރެކޯޑް ބެލެހެއްޓުމާއި ރިޕޯޓު ހުށަހެޅުން، އަދި އޮޑިޓްކުރުމާއި، އިންސްޕެކްޝަން ހިންގުމާއި، މާލީ ހާލަތު ބެލުމާ ގުޅުންހުރި ހަމަތަކާއި އުސޫލުތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، މާކެޓް ކޮންޑަކްޓް އަދި ޑިސްޕިއުޓް ރިޒޮލިއުޝަން ހަމަތަކާއި، ކޮންޓްރޯލް ނެގުމާއި އެޑްމިނިސްޓްރޭޓާ އައްޔަންކުރުން، އަދި ފިޔަވަޅު އަޅަންޖެހިއްޖެ ހިނދެއްގައި އަމަލުކުރާނެ ގޮތުގެ ހަމަތަކާއި އުސޫލުތައްވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.
ރައީސް، މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރެއްވުމާއެކު، "އިންޝުއަރެންސްއާބެހޭ ގާނޫނު" އަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.