
މީޑިއާގެ މިނިވަންކަން ހަނިކުރަން މަޖިލިހަށް ހުށައެޅީ ސަރުކާރަށް ތާއިދުކުރާ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްހަންނާން އަބޫބަކުރުއެވެ. އެ ބިލާއި ދެކޮޅަށް ނޫސްވެރިން އަޑު އުފުލަމުންދަނިކޮށް ސަރުކާރު ހިންގާ ޕީއެންސީ މިއަދު ވަނީ އެބިލު މަޖިލިހަށް ބަލައިގަނެފައެވެ. ބިލް ބަލައިގަތީ ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުންނެވެ. ބިލާއި ދެކޮޅަށް ވޯޓް ދެއްވީ އިދިކޮޅު 12 މެމްބަރުންނެވެ.
އެ ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ ރާއްޖޭގައި ރަޖިސްޓާ ކޮށްފައިވާ މީޑިއާތަކާ ބައްދަލުކޮށްފައެވެ. މި ބައްދަލުގައި ވާހަކަ ދެއްކި ހުރިހާ ނޫސްވެރިންވަނީ ސަރުކާރުގެ ތާއީދާއެކު މަޖިލިހަށް ބަލައިގެންފައިވާ ބިލާ ދެކޮޅުކަން ހާމަކޮށްފައެވެ. އަދި އެ ބިލާ ދެކޮޅަށް އަޑުއުފުލާތީ އިންޒާރުތައް ލިބެމުން އަންނަކަންވެސް ނޫސްވެރިން ކޮމެޓީއާ ހިއްސާކޮށްފައެވެ.
ނޫސްވެރިންނަށް އިންޒާރުދީ ބިރުދައްކާ މައްސަލަތައް ކޮމިޓީން އިސްނަގައިގެން ފުލުހަށް ފޮނުވަން ހުށަހެޅީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއެވެ. އެ ހުށައެޅުމަށް ތާއީދު ކުރީ ޕީއެންސީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެމްބަރު އަބްދުالله ޝަރީފްއެވެ. އެ ހުށަހެޅުން ފާސްކުރީ މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މިއަދު ވަނީ ރާއްޖޭގައި ރަޖިސްޓާ ކޮށްފައިވާ މީޑިއާތަކާއި ބައްދަލުކޮށްފައި
ނޫސްވެރިންނަށް ފުރައްސާރަކޮށް ނޫސްވެރިންނަކީ އެކްޓިވްސްޓުންކަމަށް ބުނެ ސަރުކާރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންވެސް އަންނަނީ ސޯޝަލް މީޑިއާގައި އެކި ޕޯސްޓްތައް ކުރަމުންނެވެ.
ސަރުކާރުގެ ފުރިހަމަ ތާއިދާއެކު ހުށައަޅާފައިވާ މީޑިއާ ބިލަށް ސަރުކާރުން މެމްބަރުންނާއި ސަރުކާގެ އެކްޓިވިސްޓުން ތާއީދުކޮށް ވާހަކަ ދައްކަމުން އަންނައިރު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ވަނީ އެ ބިލާއި މެދު ކަންބޮޑުވުން ފާޅުކޮށް ބިލް ނަގަން ގޮވާލާފައެވެ.