
މަޖިލީހުގެ އިދާރާއިން މި ތަކެތި ވިއްކާލުމަށް ދެވަނަ ފަހަރަށް އިއުލާން ކުރީ، ކުރިން ބޭއްވި ނީލަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީއެވެ.
މި ނީލަމުގައި ވިއްކާލަން ހަމަޖައްސާފައިވަނީ އެކި ސައިޒުގެ ގޮނޑިތަކެކެވެ. މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި، މިއީ 11 އަހަރާއި 16 އަހަރާ ދެމެދުގެ މުއްދަތެއްގައި ބޭނުންކޮށްފައިވާ ގޮނޑިތަކެކެވެ. މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު ވެސް މި ތަކެތި ވިއްކާލުމަށް އިއުލާންކުރި ނަމަވެސް، އެކަށީގެންވާ ވަރަށް މީހުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އަލުން ނީލަން ކިޔަން ނިންމީ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި ނީލަން ކުރިއަށްދާނީ އަންނަ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ދުވަހު ނީލަމުގެ އުސޫލުން ބާއްވާ މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސެޕްޓެންބަރު 10 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން، އެކަމަށް ހާއްސަ ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 3319944 ނަންބަރަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް މަޖިލީހުގެ އިދާރާއިން އެދެއެވެ.