
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިންޑިއާއިން 75،637 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 71،600 ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމްލަ އަދަދު ވަނީ 85،045 އަށް އަރާފައެވެ. މި އަދަދާއެކު، އިންޑިއާ މިވަނީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަވަނައިގައި ހިމެނިފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އުފެދުނު މައްސަލަތަކަށް ފަހު އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެފައި ވަނިކޮށް ފެނުނު ރަނގަޅު ކުރިއެރުމެކެވެ.
އިންޑިއާ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކޮށް، އެ މާކެޓު އިތުރަށް ހިތްވަރު ދިނުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް އިން ވަނީ ހާއްސަ ކެމްޕޭނެއް ފަށާފައެވެ. އެގޮތުން، "ފްރޮމް ތިރަންގާ ޓު ޓޯކޮއިސް" ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕޭނުގެ ދަށުން ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި އިންޑިއާގެ ނުފޫޒުގަދަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމާއި، މީޑިއާ ޓްރިޕްތައް އިންތިޒާމުކުރުމުގެ އިތުރުން އެ ގައުމުގެ މަގުބޫލު ނޫސްތަކުގައި ރާއްޖޭގެ މައުލޫމާތު ހިމެނޭ ލިއުންތައް ޝާއިއުކުރުން ހިމެނެއެވެ.